ގދ. ތިނަދޫން ދިރިއުޅުމަށް 150 ކޮންޑިޝަނަލް ގޯތި ދޫކުރުމަށް ނިންމައި އާއްމުކޮށް އިއުލާނުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ތިނަދޫ ކައުންސިލުން ބުނީ، އެ ރަށުގައި ދިރިއުޅެން ބޭނުންވާ މީހުނަށް ހާއްސަ އުސޫލުތަކެއްގެ ދަށުން ގޯތި ދޫކުރުމަށް ނިންމައި އެފުރުސަތު އާއްމުކޮށް މިހާރު ހުޅުވާލާފައި ވާކަމަށެވެ.
ތިނަދޫ ކައުންސިލުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ ތިން ކެޓަގަރިއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނޭ، ތިނަދޫ ރައްޔިތުންގެ ތެރޭގައި ހިމެނޭ މީހުންނާއި ތިނަދޫ ދަފްތަރުގައި ހިމެނޭ މީހުނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 70 ގޯއްޗެވެ. ކެޓަގަރީ ބީ ގައި ހިމެނޭ ރަށުން ބޭރު މީހުންގެ ތެރެއިން ތިނަދޫގައި ދިރިއުޅުމަށް ބޭނުންވާ މީހުނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 66 ގޯއްޗެވެ.
މީގެ އިތުރުން އެކަނިވެރި މައިން ނުވަތަ ބަފައިންނަށް 5 ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާއިރު، ތިނަދޫގައި ވިޔަފާރިކުރަމުންދާ އެހެން ރަށްރަށުގެ މީހުނަށް 3 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ދާއިރާގައި މަސައްކަތްކުރާ މީހުނަށް 6 ގޯތި ދިނުމަށް ވެސް ވަނީ ކަނޑައެޅިފައެވެ.

ގދ. ތިނަދޫ. -- (ފޮޓޯ/އަހުމަދު ނިހާން)
ތިނަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 2000 އަކަފޫޓާއި ދެމެދުގެ ގޯއްޗެވެ. ކޮންޑިޝަނަލް ގޯތި ދޫކުރުމުގައި ހިމެނޭ ޝަރުތުތަކުގައި ވާގޮތުން ބިން ލިބޭތާ 5 އަހަރުދުވަހުގެ ތެރޭގައި ގޯތި އަޅައި ނިންމަން ޖެހެއެވެ. މި ގޯތިތަކަށް އެދުމަށް ހުޅުވާލާފައިވަނީ، އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
ތިނަދޫން ދޫކުރަނީ ބިންތަކަކީ މީގެ ކުރިން ދިރިއުޅުމުގެ ބޭނުންތަކަށް އެ ރަށުން ދޫކޮށްފައި ހުރި، ނަމަވެސް އެކި ސަބަބުތަކާ ހުރެ،
ދޫކޮށްލެވި، ހުސްބިން ތަކުގެ ގޮތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ހުރި ބިންތަކެވެ.
ގދ އަތޮޅުގެ ވެރިކަންކުރާރަށް ކަމަށްވާ ތިނަދޫއަކީ 117.5 ހެކްޓަރުގެ ބޮޑު ރަށެކެވެ. ތިނަދޫގައި 12،000 ގާތްކުރާ އަދަދަކަށް މީހުން އުޅެމުންދާކަމަށް ރަށު ކައުންސިލުން ބުނާއިރު، ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.