ހިންމަފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހިންމަފުށީގައި މިރޭ ރޯވި ލޯންޗު --- ފޮޓޯ/ ކިޔުންތެރިއެއް

ކ. ހިންމަފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މަޣްރިބް ނަމާދު ވަގުތުގައެވެ.

ހިންމަފުށީ ކައުންސިލުގެ ނައިބު ރައީސް ސުޒައިން ޚަލީލް މިރޭ "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގި ސަބަބެއް ސީދާ ނޭނގޭ ކަމަށެވެ.

"އަޅުގަނޑަށް ވެސް ފެނުނީ ކަޅު ދުން އަރާތަން. ދެން އެހެންވެ އަޅުގަނޑު ވެސް ދިޔައީ. ތަންކޮޅެއް ދުރުގަ ހުރެވުނީ،" އޭނާ ވިދާޅުވިއެވެ.

ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލައިފައިވާއިރު، އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވީ ފުލުހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެ މަންޒަރު ދުށް، އެ ރަށު މީހަކު "ސަން"އަށް ބުނީ ރޯވެފައި ވަނީ އެ ރަށުގައި ހުންނަ އަލޯހާ ގެސްޓް ހައުސްއާ ދިމާލަށް ކުރިމަތީގައިވާ ބީޗަށް ވާ ގޮތަށް އެހެލާފަ އޮތް ލޯންޗެއްގައި ކަމަށެވެ. އެ ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކައިރީގަ އޮތް ޑިންގީއެއް ވެސް. އޭގެ އެއްބައިގައި ވެސް ވަނީ ރޯވެފަ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލިފާން ނިއްވާލާފައި ވަނީ މިރޭ 19:00 ހާއިރުއެވެ.

އެނގިފައިވާ ގޮތުގައި، އަލިފާން ރޯވި ލޯންޗަކީ އެ ރަށުގައި ހުންނަ ކަނބިލި ގެސްޓް ހައުސްގެ ވެރިޔާގެ އެއްޗެކެވެ. އަދި ރޯވި ލޯންޗު މިހާރު ދަތުރުކުރުމަށް ބޭނުން ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އަލިފާނުގެ ހާދިސާ އެ އިދާރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

comment ކޮމެންޓް