ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އަންހެން ސިފައިން -- ފޮޓޯ އަވަސް

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. އަދި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވާން ޖެހެއެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި، އަދި އަންހެނެއްނަމަ ފަސް ފޫޓް ތިން އިންޗި ފުރިހަމަވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިން) އަދި އެޕްޓިޓިއުޑް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް އަދި އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ޑިފެންސް މިނިސްޓްރީއިން ބަލައިގަތުމުގެ ސުންގަޑިއަކީ އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން މޭ 11 ގެ ކުރިންނެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅާފައި [email protected] އަށެވެ.

comment ކޮމެންޓް