ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން އުޅަނދު މާލެ އައިސްފި

ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން ޝިޕް މާލެ އައުން -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން އުޅަނދު މާލެ އައިސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ.

އެދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައެވެ. މިގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން އެ އުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ވަނީ ރީފީޓްކޮށް މަރާމާތު ކުރެވިފައެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރު ވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާކޮށްފައެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އަދި މިކަމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން މިހާރުވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރުމަށް ނިންމަވާފައެވެ.

މިގޮތުން ދޭ އުޅަނދު ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެ އައިސްފައެވެ. އަދި މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ދަނީ ކުރަމުން ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

މިގޮތުން މިއަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީންތައް ހިނގަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން، މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް