ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ގެނައި، އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުދަ ދުވަހު އިތިއޯޕިއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ މިލިއަން ރުފިޔާގެ މަަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އިންޑިއާ އަންހެން މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.

މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ބުނެ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކޮށްފައިވަނީ އިއްޔެއެވެ. ކޯޓުން އޭނާގެ ބަންދަށް ދީފައިވަނީ ތިން ދުވަހެވެ.

ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނީ އޭނާއަށް ތަރުޖަމާނެއް ހަމަޖައްސާފައިނުވާތީ، އެ ކަމަށް ރިއާޔަތްކޮށް، ދެން ބޭއްވޭ މަޖިލީހަކަށް ތަރުޖަމާނަކު ހާޒިރު ކުރުމަށް އެދޭ ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތީ ބުދަ ދުވަހު އިތިއޯޕިއާއިން ރާއްޖެ އައި އުމުރުން 56 އަހަރުގެ އިންޑިއާ އަންހެނެއްގެ އަތުންނެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތް ދަބަހުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައެވެ. އަދި، އޭނާގެ ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ވަނީ ފެނިފައެވެ.

އަތް ދަބަހާއި ލަގެޖުގައި ޖުމުލަ 1.18 ކިލޯގެ ކޮކެއިން ހުއްޓެވެ. އަދި، 4.2 ކިލޯގެ ހެރޮއިން ފޮރުވައިފައި ހުއްޓެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތައް މިދިޔަ މަހު ވެސް ވަނީ ގިނަ އަދަދަކަށް ހިނގައިފައެވެ. މި ރޯދަ މަސް ފެށިގެން ފުރަތަމަ 15 ދުވަސް ހިނގި އިރު ފުލުހުންނަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުން ބުނި ގޮތުގައި އެ މުއްދަތުގައި 153 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް