ދިވެހިބަހުގެ ދުވަސް: އެކެޑަމީގެ އިލްތިމާސްއަކީ ދިވެހިބަހަށް އިސްކަންދިނުމުގެ ގާނޫނު ތަންފީޒުކުރުން

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި ބަހަށް އިސްކަންދިނުމުގެ ގާނޫނޫ އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކޮށްފިއެވެ.

މިއަދު ފާހަގަ ކުރާ ދިވެހިބަހުގެ ދުވަހާ ގުޅިގެން އެކެޑަމީން ކުރި އިލްތިމާސްގެ މެސެޖެއްގައި ބުނީ ދިވެހިބަހުގެ ދުވަހަކީ ދިވެހީންގެ ގައުމިއްޔަތުގެ އެންމެ މައި ތަނބުކަމުގައިވާ ދިވެހިބަހަށް ހާއްސަކުރެވިފައިވާ ދުވަހެއް ކަމަށެވެ. ދިވެހިންގެ އަމިއްލަ މާދަރީ ބަހެއް އެބައޮތް ކަމަށާއި އެއީ ތަޞައްރުފް ފުދިފައިވާ ގާބިލު ބަހެއް ކަމަށް އެކެޑަމީން ބުންޏެވެ.

"އެ ބަސް ލިޔާނެ އަމިއްލަ އަކުރެއް އެބައޮތް. އެއީ މި ސަރަހައްދުގެ އެންމެ އިލްމީ އަކުރުކަމަށް ބަސްވާރުން ވިދާޅުވާ ތާނަ އަކުރު. މި ބަހުގެ ފުރިހަމަ އަދަބިއްޔާތެއް އެބައޮތް. ވަރަށް މުއްސަނދި ޅެންވެރިކަމެއް އެބައޮތް. މި ބަސް ހިމާތްތެރިކޮށް ރައްކާކުރާނެ ގާނޫނެއް އެބައޮތް. އެ ގާނޫނު ތަންފީޒުކޮށް ދިވެހިބަސް ތަރައްގީކޮށް ކުރިއަރުވާނޭ އިދާރާއެއް، ދިވެހިބަހުގެ އެކެޑަމީގެ ނަމުގައި އެބަހުރި،" އެ އިދާރާއިން ބުންޏެވެ.

ނަމަވެސް މަދުވާ ނުވަތަ ނެތް ކިތަންމެ ކަމެއްވާ ކަން ފާހަގަކޮށް، އެކެޑަމީން ބުނީ ރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު، އޭގެ މަގުސަދާއި ރޫހާ އެއްގޮތަށް ތަންފީޒުކުރުމުގައި އެ އިދާރާއަށް ދަތިތަކެއް ހުރިކަމަށެވެ. އަދި ދިވެހިބަހާ ބީރައްޓެހިވުމަށް ރާއްޖޭގައި ގިނަ ދޮރުތަކެއް ހުޅުވިފައިވާ ކަމަށާއި އެ ދޮރުތައް ހުޅުވައިދިނުމުގައި އެހީތެރިވެދޭ ފަރާތްތަކުގެ ނުފޫޒާއި ބާރުވެސް ގަދަކަމަށް އެކަޑަމީން ބުންޏެވެ.

އޭގެ ބަދަލުގައި އެއް ވިސްނުމެއްގައި އެއްވެސް ބަޔަކު އިސްތިސްނާވުމެއް ނެތި، މުއައްސަސާތަކުން ގުޅިގެން އެކަން ރަނގަޅަށް ތަންފީޒުކުރަމުންދާތަން ފެންނަން އެދޭ ކަމަށާއި އޭރުން ބަހުގެ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެކެޑަމީން ވަނީ ގާނޫނުގައި ބަހަށް އިސްކަންދޭން ޖެހޭނެ ކަމަށް އޮތުމުގެ އިތުރުން ބަހަށް އިސްކަންދޭތަން ހުރިހާ އެންމެނާއި ސަރުކާރުގެ މުއައްސަސާތަކުން ހެޔޮ ނިޔަތުގައި އަމަލާއި ބަހުން ދެއްކުމަށް ގޮވާލައިފައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ ނަންބޯޑުތަކާއި އެތަންތަނުން ލިޔާ ލިޔުންތަކުންގައި ދިވެހިބަހަށް އިސްކަން ދިނުމާއި މީޑިއާގެ ހުރިހައި ވަސީލަތްތަކުގައި ލިޔާ ލިތުންތަކާއި ދައްކާ މަންޒަރުތަކާއި އަޑުތައް ދިވެހިބަހުން ބޭނުންކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމަށް އެ އިދާރާއިން ގޮވައިލިއެވެ.

މިފަދަ ދުވަހެއްގައި އެއް އަޒުމެއްގައި ތިބުމަށް ގޮވާލައި، އެކެޑަމީން ބުނީ، ނަތީޖާ ފެންނާނީ ދިވެހިބަހަށް އިސްކަންދޭކަން އަމަލާއިން ބަހުން ދައްކައިގެން ކަމަށާއި މިއީ ދިވެހި ގައުމިއްޔަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ގާނޫނަކީ ލިޔެފައިވާ އަކުރުތަކެއް ނަމަވެސް އެއަށް ބާރު ލިބޭނީ އެ ގާނޫނު ތަންފީޒުކުރެވޭ މިންވަރެއްގެ މަތިން ކަމަށް އެކެޑަމީން ބުންޏެވެ. އެހެންވެ، ދިވެހިބަހުގެ އެކެޑަމީން ވަނީ ދިވެހިބަސް ހިމާޔަތްކޮށް އަދި ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު، އޭގެ ނިޔަތާއި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތީން ފުރިހަމައަށް ތަންފީޒުކުރުމަށް އެދިފައެވެ.

comment ކޮމެންޓް