ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު މޮޅުވާން ދަނިކޮށް ސެވިއްޔާއިން އެ ޓީމު ހުއްޓުވައިފިއެވެ.
ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލުގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބުރުނޯ ފަނާންޑޭޒް ދިން ޕާހެއްގެ ބޭނުން ހިފައިގެން މާސެލް ސަބިޓްޒާ ސެވިއްޔާ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ހަތް މިނެޓު ފަހުން އަނެއްކާ ވެސް ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށް ސެވިއްޔާގެ ކުޅުންތެރިން މާޔޫސްކޮށްލައިފައެވެ. އެ ގޯލަކީ އެންތޮނީ މާޝިއާލް ދިން ތުރޫ ޕާހަކުން އަނެއްކާ ވެސް ސަބިޓްޒާ ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލާއެކު ޔުނައިޓެޑު މޮޅުވާން ދަނިކޮށް ސެވިއްޔާއިން ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. އެ ގޯލަކީ ޔުނައިޓެޑުގެ ޑިފެންޑަރު ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރޭގައި ސެވިއްޔާއިން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސެވިއްޔާގެ އަލް ނަސޭރީ ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މަގުއާ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.
އެހެންކަމުން ސެވިއްޔާގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ ދެ ޓީމަށް ވެސް ޔޫރޮޕާ ލީގު ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. އެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.