މަގުމައްޗަށް ކުނި ކޮތަޅު ނެރެ މަގު ކުނިން ފުރާލުމުގެ ބަދަލުގައި މި ވަގުތަށް، ގޭގެ އެންމެ ތިރީ ފަންގިފިލާއަށް ކުނި ނެރެން ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
މާލޭގެ މަގުތަކުގައި ކުނި ގިނަވާ މައްސަލައާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ވެމްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގަވާއިދާ ޚިލާފަށް މަގުމައްޗަށް ކުނި ނެރޭ މައްސަލަ ވެމްކޯގެ ސަމާލުކަމަށް ވެސް އައިސްފައި ވާކަމަށެވެ.
"ވެމްކޯގެ ފަރާތުން އަޅުގަނޑުމެން ވާނީ ކުނި ނަގާނެ ވަގުތުތައް ވެސް އާންމު ކޮށްފަ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ، މަގުމައްޗަށް ކުނި ނެރުމަކީ ވެމްކޯއިން ހިތްވަރުދޭ ކަމެއް ނޫންކަމަށެވެ. އަދި އަބަދު ވެސް ގޮވާލަނީ އެގޮތައް އެކަންތައް ނުކުރުމަށް ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯއިން އެދިފައިވަނީ ރޭގަނޑު އަށަކާއި ނުވައަކާ ދެމެދު ގޭބިސީތަކުން ކުނި ބޭރަށް ނެރުމަށެވެ. އެގޮތުން ރޯދަމަހު ގޭބިސީތަކުން ކުނި އެއްކުރުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވާނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު ދޭއް ޖަހަންދެކަށެވެ.
މަލޭ މަގުމަތީ ކުނި ގިނަވާ މައްސަލައިގައި މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ، މަލޭގެ މަގުމަތި "ކުނި ވިޔަ" ނުދިނުމަށް ވެމްކޯއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، މާލޭގެ މަގުތައް ސާފު ތާހިރު ކުރުމުގައި ސިޓީ ކައުންސިލުން ވެސް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭ މަގުމަތި ކުނިކެހުން ފުޅާކޮށް އެ މަސައްކަތަށް އިތުރު މުވައްޒަފުންނާއި ވެހިކަލް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތުގެ ސްޓައިލް ވެސް ބަދަލުކުރާނަން،" މޭޔަރު ވިދާޅުވިއެވެ.
މާލޭ މަގުމަތީގައި ކުނި ގިނަވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވެސް ވަނީ ދާދި ފަހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މަގުމައްތީގައި ކުނި ބަހައްޓަން ނޭންގޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.