ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި

މީގެ ކުރިން ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ޑްރަގްތަކެއް ކަސްޓަމްސްގެ ބެލުމުގައި ދަށުގައި -- ފޮޓޯ/ ކަސްޓަމްސް

އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާ އަންހެނަކު ރާއްޖެ އެތެރެކުރަން އުޅުނު ނުވަ މިލިއަން ރުފިޔާގެ މަަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ބުނެ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިންކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ އިތިއޯޕިއާއިން ރާއްޖެ އައި އުމުރުން 56 އަހަރުގެ އިންޑިއާ އަންހެނެއްގެ އަތުންނެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ހޭންޑް ބޭގުން ކޮކެއިން ފެނިފައިވެއެވެ. ލަގެޖުން ފެނިފައިވަނީ ހެރޮއިންއެވެ.

ހޭންޑް ބޭގާއި ލަގެޖުގައި ޖުމުލަ 1.18 ކިލޯގެ ކޮކެއިން ހުއްޓެވެ. އަދި 4.2 ކިލޯގެ ހެރޮއިން ފޮރުވައިފައި ހުއްޓެވެ.

ކަސްޓަމްސްއިން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް ފުލުހުންނާ މަސްތުވާތަކެތި ހަވާލުކޮށްފައިވާކަމަށެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތައް މިދިޔަ މަހު ވެސް ވަނީ ގިނަ އަދަދަކަށް ހިނގައިފައެވެ. މި ރޯދަ މަސް ފެށިގެން ފުރަތަމަ 15 ދުވަސް ހިނގި އިރު ފުލުހުންނަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ފުލުހުން ބުނި ގޮތުގައި އެ މުއްދަތުގައި 153 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް