ހއ. ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަން ނިންމި ނިންމުމުގެ ދަށުން ބިމަށް އެދިފައި ވަނީ ހަމައެކަނި ޕީޕީއެމްއިން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކަށް ބިން ދިނުމަށް ބާރަށު ކައުންސިލުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބާރަށު ކައުންސިލުން އާންމު ކޮށްފައިވާ އުސޫލުގައި ބުނާ ގޮތުގައި، ބާރަށުން ބިން ދޭނީ، 2500 މީހުން ހަމަވެފައިވާ ޕާޓީތަކަށް އެކަންޏެވެ. އަދި ބާރަށު ރައްޔިތުންގެ ތެރެއިން 300 މީހުން އެ ޕާޓީގެ ދަފުތަރުގައި ހިމެނެން ވާނެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް ވިދާޅުވީ، ބިމަށް އެދިފައިވާ ޕާޓީއަކީ ޕީޕީއެމް އެކަނި ކަމަށާއި ބިމަށް އެދުމުގެ ޝަރުތު އެ ޕާޓީގެ ހަމަވާކަމަށެވެ.
"ޝަރުތު ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ބިން ލިބޭނެ ހަމަ. ބިމަށް އެދުމުގެ ފަހު ވަގުތެއް ވެސް ނޯންނާނެ. އަހަރެއް ފަހުން ވެސް ޕާޓީއަކުން ބިން ބޭނުންވާނަމަ ބިމަށް އެދެންވީ. ޝަރުތު ހަމަވަންޏާ ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްއަށް ރަސްމީކޮށް ބިން ހަވާލުކުރެވޭނެ ކަމަށް ބެލެވެނީ ރަމަޟާން މަހުގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އަމީޒު މީގެ ކުރިން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ހިންގުމަށްޓަކައި އެ ޕާޓީތަކަށް ބިން ދިނުން މުހިންމު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ވަންނާނެ ގެދޮރު ހުރެގެން ކުރިއަށް ދިޔައީމަ ސިޔާސީ ޕާޓީތަކަށް ވެސް މާ ފަސޭހަ ވާނެކަމަށް. އެހެންވީމަ މި ނިންމުމަކީ ސިޔާސީ ޕާޓީތަކަށް ވަރަށް ފަސޭހަ ވާނެ ނިންމުމެއް،" އަމީޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރާނީ، ބާރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާން ކޮށްފައިވާ މިކްސްޔޫސް ބިންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ތަނަކުންނެވެ.
އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވަނީ، މިކްސް ޔޫސް ބިންތަކުގެ ތެރެއިން ބިން ހުރި ނިސްބަތުން 1000 އަކަފޫޓަށްވުރެ ކުޑަ ނޫން 2000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެވެ. މި ބިންތައް ދޫކުރަން ނިންމީ 15 އަހަރުގެ މުއްދަތަކަށެވެ.
ސިޔާސީ ޕާޓީތަކަށް ސިޔާސީ މަންފާއެއް ނުލިބޭފަދަ ކަމެއް ކުރާނަމަ އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ރަނގަޅު ނުކޮށްފި ނަމަ ބިން އަތުލާނެއެވެ.