އެމްޑީޕީގައި ތިބެގެން އެ ޕާޓީގެ ބައެއް މެމްބަރުން އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށާއި އެ ކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން އެމްޑީޕީ ބައިބައިވެފައިވާ އިރު އެކަމާ ގުޅިގެން "ސަން"އާ ވާހަަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީގެ ސިޔާސަތުތަކާ އެންމެ ދެކޮޅު ފަރާތްތަކާއެކު މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށެވެ.
"އަޅުގަނޑުމެން 2018ގެ މެނިފެސްޓޯ ތައްޔާރުކުރިއިރު އެއާ އިދިކޮޅަށް ތިބި ވަރަށް ބައިވަރު މީހުންނާއެކު މަޝްވަރާ ކުރައްވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ނިޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކައަކީ އެއްވެސް ކޯލިޝަން ޕާޓްނަރަކަށް ނިސްބަތްކުރާ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ މެމްބަރުން މަސައްކަތް ކުރަނީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ ކެންޑިޑޭޓު ހޮވުމަށްކަމަށެވެ.
ނަމަވެސް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ފެންނަނީ އެއާ ދެކޮޅު ސިފަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަަކުރާ ކެންޑިޑޭޓު ރިޔާސީ އިންތިޚާބުގައި ކާމިޔާބުވެ ނުދިނުމަށް މަސައްކަތްކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭ އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޕާޓީއިން ވަކިކުރުމުގެ މަރުހަލާ ވެސް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.
"ލަސްތަކެއް ނުވޭ ނޫންތޯ. އެ ޕްރޮސެސް ކުރިއަށް ދޭ އެބަ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭ ހިނގާ ކަންކަމުގައި ޕާލިމަންޓަރީ ގްރޫޕުގެ ތެރޭ ފިޔަވަޅު އެޅެމުން އެބަދޭ. ދެން އޮންނާނީ ޕާޓީން ވަކިކުރުމުގެ މަރުހަލާ. އެއީ ޕާލިމަންޓަރީ ގްރޫޕަށް ކުރެވޭނެ ކަމެއް ނޫން،" ނިޔާޒު ވިދާޅުވިއެވެ.