މި ބަރަކާތްތެރި ރަމަޟާން މަހުގެ މިހާތަނަށް މައްކާ އާއި މަދީނާއަށް 1.3 މިލިއަން ބިދޭސީ ހައްޖުވެރިންނާއި މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
މިއީ ކޮވިޑްގެ ވަބާއިން ރައްކާތެރިވުމަށް އެ ގައުމުގައި އަޅާފައި އޮތް ފިޔަވަޅުތައް އުވާލި ފަހުން ރެކޯޑް އަދަދަކަށް ހައްޖުވެރިންނާއި މީހުން ޒިޔާރާތްކުރި ފުރަތަމަ ފަހަރެވެ.
މިހާރު ކުރިއަށް ދަނީ މިއަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކެވެ. ސައުދީ ސަރުކާރުން ބުނި ގޮތުގައި ބޭރު ގައުމުތަކުން ޒިޔާރަތްކުރި އެންމެ ގިނަ މީހުން މިހާރު ތިބީ މައްކާގައެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރަބިޔާ ވިދާޅުވީ އަޅުކަމަށް ޒިޔާރާތްކުރާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މި ފަހަރު އަޅުކަންކުރާ މީހުންގެ ދަތުރުފަތުރާ އެހެނިހެން ޚިދުމަތްތައް ވެސް ކޮލިޓީ ފެންވަރެއްގައި ކުރިއަރާފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި ހައްޖުވެރިންނާ އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް މިނިސްޓްރީގައި ބޮޑު ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ.
"މައްކާއާ މަދީނާގައި 100 އަށް ވުރެ ގިނަ ތާރީޚީ ތަންތަން ހުރިއިރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޙައްޖުވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާ މުއްސަނދި ކުރުމުގެ އިތުރުން މި މާތް ސިޓީތަކުގެ ތާރީޚުން އުފާ ހޯދައިދިނުމަށް." ތައުފީގު ވިދާޅުވިއެވެ.
ސައޫދީ ސަރުކާރުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ރޯދަ މަހުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ރޯދަ މަހުގެ 17 ވަނަ ރޭގައެވެ. އެރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރަން އެއް މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެއެވެ.
ސައުދީ ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ހައްޖަށް ދިއުމަށް ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ސައުދީއަށް ޒިޔާރާތްކުރާނެއެވެ.