ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 43 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ވ. ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 43 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

މި އެއްބަސްވުމުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމާއި ނެރު ފުން ކުރުމާއި 71 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން ހަ މީޓަރު ސަބްމާޖް ބްރޭކްވޯޓަ ޖެހުމާއި 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 354 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި 249 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ.

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހަމައެއާއެކު 59 މޫރިން ރިންގް ހަރުކުރުމާއި ހަ މޫރިން ބޮއި ހަރުކުރުމާއި 90 އަކަ މީޓަރުގެ ރޭންޕެއް ހެދުމާއި 18 މަގު ބައްތި ހަރުކުރުމާއި 1847 އަކަ މީޓަރު ޕޭވްމަންޓެއް ވެސް މި އެއްބަސްވުމުގެ ދަށުން ހަދާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައ ނިންމާ ގޮތަށެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް 18 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން ޖުމުލަ 200 މީޓަރުގެ ބޮޑުހިލައިގެ ވައި ގްރޮއިން އަދި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޤާއިމްކުރާނެއެެ. އަދި ރަށުގެ ދެކުނު އަދި ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 350 މީޓަރާއި 260 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމެންޓެއް ޖަހާނެއެވެ.

އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

comment ކޮމެންޓް