ޓްވިޓާގެ ކުރީގެ އިސްވެރިންތަކެއް ޓްވިޓާއާއި ދެކޮޅަށް މާލީ ބޮޑެތި ދައުވާތަކެއް އުފުލައިފި

ޓްވިޓާ

ޓްވިޓާގެ ކުރީގެ ސީއީއޯ ޕަރަގް އަގްރަވާލް އާއި ކުރީގެ ލީގަލް ހެޑް ވިޖަޔާ ގައްޑޭ އަދި, ކުރީގެ ސީއެފްއޯ ނެޑް ސެގަލް ފަދަ ޓްވިޓާ ކުރީގެ އިސް މުވައްޒަފުންތަކެއް އެ މީހުންނަށް ލިބެންޖެހޭ ގިނައަދެއްގެ ފައިސާ ޓްވިޓާއިން ދީފައިނުވާކަމަށް ބުނެ ދައުވާތަކެއް އުފުލައިފިއެވެ.

އެމެރިކާގެ ޑެލަވޭއާ ޗާންސެރީ ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އެންޑް ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން އެދުމުން ޖަވާބުދާރީވުމަށް ޓްވިޓާގެ ކުރީގެ ވެރިންނަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

ޓްވިޓާއާއި ގުޅިގެން ހިނގަމުންދާ ދައުވާތަކާއި ތަހުގީގުތަކާ ގުޅޭ ގާނޫނީ ފީތަކާއި ޚަރަދުތައް ދެއްކުމަށް ދައުވާ ލިބޭ ފަރާތުން އަމަލުކުރަންޖެހޭ އަވަސް އަމުރެއް ނެރެދިނުމަށް އެ ދައުވާގައިވެއެވެ. އަދި، ކުރީގެ މުވައްޒަފުންނަށް މުސާރަ ނުދީ ޓްވިޓާއިން މުވައްޒަފުންނާ އެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އެލޮން މާސްކް ޓްވިޓާއާ ހަވާލުވުމަށް ފަހު، އޭނާ ވަގުތުން ވަނީ އަގްރަވާލް، ގައްޑޭ، އަދި ސެގަލް ވަޒީފާއިން ވަކިކޮށްފައެވެ. އޭރު ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވެރިން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމީހުންނަށް ދޭންޖެހޭ ފައިސާ 100 މިލިއަނަށް ވުރެ ގިނަ ޑޮލަރަށް އަރައެވެ.

މާސްކް ޓްވިޓާގެ ވެރިއަކަށް ވީފަހުން ޓްވިޓާއަށް މިފަދަ އެއްތައް ދައުވާ ތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އޭގެ ތެރޭގައި ކުރީގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން އެކަށީގެންވާ ނޯޓިސް ނުދީ ކުންފުނިން ވަޒީފާއިން ވަކިކުރި ކަމަށް ތުހުމަތުކޮށް، އަދި، ބިލްތައް ނުދައްކާ ކަމަށް ތުހުމަތު ކުރަމުންދާ ބައެއް ވެންޑަރުންގެ މައްސަލަތައް ވެސް ހިމެނެއެވެ.

އަދި، މީގެ އިތުރުން ޖަރުމަނުގައި ވެސް ގާނޫނީ ބޮޑެތި މައްސަލަތަކާއި ޓްވިޓާއަށް ކުރިމަތިވެފައިވާއިރު، ނަފުރަތު އުފެދޭ ވާހަކަތައް ޓްވިޓާގައި ހިއްސާކުރަމުންދާ ދިއުން ހުއްޓުވިފައި ނުވާތީ ޓްވިޓާ ޖޫރިމަނާ ކުރަން ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުގެ ނެޓްވޯކް އެންފޯސްމަންޓް އެކްޓް ގެ ދަށުން ކުންފުނިތައް ގަވާއިދާ ހިލާފުވުމުން 50 މިލިއަން ޔޫރޯއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

comment ކޮމެންޓް