ދެކުނު ކޮރެއާއިން ގޫގުލް 32 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ދެކުނު ކޮރެއާގައި ގޫގުލްއާ ވާދަވެރި ޕްލެޓްފޯމެއް ކަމަށްވާ ވަން ސްޓޯގައި މޯބައިލް ވީޑިއޯ ގޭމްތައް ނެރުމަށް ގޫގުލްއިން ޑިވެލޮޕަރުންނަށް ހުރަސް އެޅި ކަމަށް ބުނެ އެގައުމުން އެ ޕްލެޓްފޯމް 42.1 ބިލިއަން ވޮން (32 މިލިއަން ޑޮލަރު)އިން ޖޫރިމަނާކޮށްފިއެވެ.

ދެކުނު ކޮރެއާގެ ފެއާ ޓްރޭޑް ކޮމިޝަން (ކޭއެފްޓީސީ)އިން ބުނީ، ކޮރެއާގެ ވީޑިއޯ ގޭމް އުފައްދާ ކުންފުނިތަކުން އެމީހުންގެ އާ ގޭމްތައް ހަމައެކަނި ޕްލޭސްޓޯރަށް ލުމަށް ގޫގުލްއިން ޖޫން 2016 އާއި އޭޕްރިލް 2018އާ ދޭތެރޭގައި މަޖުބޫރު ކުރުވި ކަމަށެވެ.

ވަން ސްޓޯރަކީ ދެކުނު ކޮރެއާގެ ތިން ޓެލެކޮމް ކުންފުންޏެއް ކަމަށްވާ އެސްކޭ ޓެލްކޮމް އާއި ކޭޓީ އާއި އެލްޖީ ޔޫޕްލަސް އާއި އިންޓަނެޓް ކުންފުނި ނޭވާއިން 2016 ވަނަ އަހަރު އުފެއްދި ޕްލެޓްފޯމެކެވެ.

މޯބައިލް އެންޑްރޮއިޑް އެޕް މާކެޓުގައި ގޫގުލްގެ ލޯކަލް މާކެޓް ހިއްސާ 2016 ވަނަ އަހަރު ގާތްގަނޑަކަށް 80-85 ޕަސެންޓުގައި އޮތުމަށްފަހު، 2018 ވަނަ އަހަރު 90-95 ޕަސެންޓަށް އިތުރުވިއެވެ. އެއާއަޅާބަލާއިރު 2016 ވަނަ އަހަރު ވަން ސްޓޯރުގެ މާކެޓް ހިއްސާ 15-20 ޕަސެންޓުގައި އޮތުމަށްފަހު 2018ގައި 5-10 ޕަސެންޓަށް ދަށްވިއެވެ.

ކޭއެފްޓީސީއިން ބުނީ މި ފިޔަވަޅަކީ އެމެރިކާގެ ގޫގުލް ނުވަތަ އަލްފަބެޓްއިން ގެންގުޅޭ ޚުދުމުހުތާރު އުސޫލުތައް ހުއްޓުވައި، އެޕް މާކެޓުގައި އިންސާފުވެރި ވާދަވެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ކޭޓީއެފްސީގެ ނޫސްބަޔާނުގައިވާ ގޮތުން ގޫގުލް ޕްލޭ ސްޓޯއާއި ވަން ސްޓޯއަށް ކޮރެއާއިން ލިބޭ އާމްދަނީގެ 90 ޕަސެންޓަށް ވުރެ ބޮޑުބައެއް ހިއްސާކުރަނީ ގޭމްތަކުން ލިބޭ އާމްދަނީއެވެ. ގޫގުލްގެ އަމަލުތަކުގެ އަސަރު ގޭމިން ކުންފުނިތަކަށް ކުރި ކަމަށާއި އެންސީސޮފްޓް، ނެޓްމާބަލް، އަދި ނެކްސަން ފަދަ ބޮޑެތި ވީޑިއޯ ގޭމް އުފައްދާ ކުންފުނިތަކުން ފެށިގެން ކުދި އަދި މެދު ފަންތީގެ ގޭމް ޑިވެލޮޕަރުންނަށް ވެސް އެކަމުގެ އަސަރު ވަރަށްބޮޑަށް ކުރި ކަމަށް ކޭއެފްޓީސީން ބުނެއެވެ.

ގޫގުލްއިން ދިފާއުގައި ބުނެފައި ވަނީ، ކޭއެފްޓީސީގެ ތަހުގީގަށް އެއްބާރުލުން ދިން ކަމަށާއި އެ ޕްލެޓްފޯމްއިން ގާނޫނާ ޚިލާފު ކަމެއް ނުކުރާ ކަމަށެވެ.

"ޑިވެލޮޕަރުންގެ ކާމިޔާބީއަށް ގޫގުލް އިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާއިރު، ކޭއެފްޓީސީގެ ނިންމުމާ އަޅުގަނޑުމެން އެއްބަހެއް ނުވަން. ކޭއެފްޓީސީގެ ފަހު ނިންމުން އަޅުގަނޑުމެންނާ ހިއްސާކުރުމުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އަޅުގަނޑުމެން ދެން އަމަލު ކުރާނެ ގޮތެއް ނިންމާނަން،" ގޫގުލްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މީގެ ކުރިން 2021 ވަނަ އަހަރު ވެސް ކޭއެފްޓީސީއިން ވަނީ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް (އޯއެސް) މާކެޓުގައި ގޫގުލްގެ މާކެޓް ޑޮމިނެންސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެ ޕްލެޓްފޯމް 177 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް