އާ ފުޓުބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސްކަޕްގައި އިބްރާހިމް އައިސަމް ޖެހި ދެ ގޯލުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން މޮޅަކުން މުބާރާތް ފަށައިފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މާޒިޔާއިން ޓީސީގެ މައްޗަށް ކުރި ހޯދައިފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އާ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި މާޒިޔާއިން ރޭގެ މެޗަށް ނިކުތީ އެ މެޗުގައި ފުރަތަމަ 11 އިން ފެނުނު ހަތަރު ކުޅުންތެރިންގެ ބަދަލަކާ އެކުއެވެ.
ޗެރިޓީ މެޗު އުފުލާލި މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ރޭގެ މެޗުގައި ނުކުޅޭއިރު ޗެރިޓީ މެޗުގައި ގޯލު ޖެހި ހަސަން ރާއިފް އަހުމަދު (ހަންނަ) ރޭގެ މެޗަށް ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ޗެރިޓީ މެޗުގައި ގޯލު ބެލެހެއްޓި ހުސައިން ޝަރީފް ބެންޗުގައި އިންއިރު އެ މެޗުގައި ކުޅުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވެސް ރޭގައި ފުރަތަމަ 11 ގައި ނުހިމެނެއެވެ.
ތިން ޕްރެކްޓިސް ސެޝަނަށް ފަހު، މިރޭގެ މެޗަށް ނުކުތް ޓީސީން ވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓާ ހަމައަށް ވަނީ މާޒިޔާއަށް ގޯލެއް ޖެހިޔަ ނުދީ ހުފަހައްޓައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޒިޔާއިން ގޯލެއް ޖެހިއިރު އެ ގޯލަކީ މާޒިޔާގެ ހަމްޒާ މުހައްމަދު ނެގި ކޯނަރަކުން އިބްރާހިމް އައިސަމް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އައިސަމް ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ 90ވަނަ މިނެޓުގައި އައިސަމަށް ވަނީ ހެޓްރިކް ހަދަން ފުރުސަތު ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުސްކޮށް އައިސަމަށް ބޮޅަ ލިބުނު ނަމަވެސް އޭނާ އެ ބޯޅަ ވަނީ ހަމްޒާއަށް ޕާސްކޮށްފައެވެ. ހަމްޒާ ބޯޅަ ފޮނުވާލަން ލަސްކުރުމުން އޭނާ އަތުން ވަނީ އެ ބޯޅަ ބޭކާރުވެފައެވެ.
ޕްރެޒިޑެންޓްސް ކަޕްގެ މެޗެއް ދެން ކުޅެން ރޭވިފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރެއަށެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާއާއި ޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯތްސް (ސަސް)އެވެ.
ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާއާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބެވެ.