ކުޑަރިކިލު މަސްވެރިއަކު ބޭނި މާނިޔާ މަހެއްގެ ބޮލުގައި ﷲ ގެ އިސްމުފުޅު

ﷲ ގެ އިސްމުފުޅު އޮތް މާނިޔާ މަސް---

ބ. ކުޑަރިކިލަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ ރަހްމަތު 5 ދޯނިން މިއަދު މަހަށް ދިޔަ މީހަކު ބޭނި މާނިޔާ މަހެއްގެ ބޮލުން ﷲ ގެ އިސްމުފުޅު ފެނިއްޖެއެވެ.

"ސަން"އަށް މައުލޫމާތުދެމުން މި މާނިޔާ މަސް ބޭނި އަހުމަދު ރުސްދީ ބުނީ، ބޮލުގައި ﷲ ގެ އިސްމުފުޅު ފެންނަ މި މަސް ބޭނީ، މިއަދު މެންދުރު 13:15 ހާއިރު ކަމަށެވެ.

މި މަސް ބޭނީ ބ. އަތޮޅު "ރޯޔަލް ހާ" އޭ ކިޔުނު ސަރަހައްދުންނެވެ.

"އާއްމުކޮށް ކޮންމެ ދުވަހަކުވެސް ކަނޑުމަހުގެ މަސްވެރިކަމަށް އަޅުގަނޑުމެން ނިކުންނަން. މިއަދު ވެސް މިއީ އޭގެ ދުވަހެއް" ރުސްދީ ބުންޏެވެ.

ﷲ ގެ އިސްމުފުޅު އޮތް މިއަދު ބޭނި މާނިޔާމަސް---

ރުސްދީ ބުނީ، މި މަހުގެ ބޮލުގެ މަތިން ﷲ ގެ އިސްމުފުޅު ފެނިފައިވަނީ މަސް ބޭނުމަށް ފަހު ބުޅި ނައްޓަން އުޅުމުގެ ތެރެއިން ކަމަށެވެ.

"ﷲ ގެ އިސްމުފުޅު ފެނުމާއިއެކު އެ ގަޑީގައި އެހެންކަހަލަ އިހްސާސެއް ކުރެވުނީ. މަސް މަރާލާކަށް އަޅުގަނޑުމެން ބޭނުމެއް ނުވި. އިހްތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން އެ މަސް ކަނޑަށް ދޫކޮށްލީ" ރުސްދީ ބުންޏެވެ.

ރުސްދީ ވަނީ އެ މަހުގެ ފޮޓޯ ސަން އާ ހިއްސާކޮށްފައެވެ. ފޮޓޯތަކަށް ބަލާލުމުން މާނިޔާ މަހުގެ ބޮލާއި ދިމާލުމަތިން ﷲ އިސްމުފުޅު ވަރަށް ސާފުކޮށް ފެނެއެވެ.

ގުދުރަތީގޮތުން ދުނިޔޭގައި މާތް ﷲ ލައްވަވާފައިވާ ދިރުންތަކުން ﷲ ގެ އިސްމުފުޅު ފެންނައިރު، 2019 ވަނަ އަހަރު ދިވެހި މަސްވެރިއަކު ބޭނި ކަނޑުމަހަކުން ވެސް ﷲ ގެ އިސްމުފުޅު ފެނިފައި ވެއެވެ.

comment ކޮމެންޓް