ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭގޮތުން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށްފިއެވެ.
އެ މައްސަލަތަކުގެ ތެރޭގައި ގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގެ ގަރާޖުގައި ވެހިކަލް ބޭއްވުމަށް ހުއްދަ ދިން މައްސަލައަކާއި ގަރާޖު ރެޖިސްޓްރީކުރަން މިނިސްޓްރީ އަށް ހުށަހެޅިތާ ހަތަރު މަސް ވީ އިރުވެސް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ މައްސަލަ އެއް ހިމެނެއެވެ.
މައިގަނޑު ގޮތެއްގައި ޑޮމެއިން ބޯޑުތަކަށް ފައިސާ ދެއްކުމަށްފަހު ޑޮމެއިން ނުލިބި އެތައް މަސް ދުވަހެއް ފާއިތުވެގެން ޝަކުވާ ލިބިފައިވާ މައްސަލަތައް ގިނަ ކަން ކޮމިޓީގެ މުގައްރިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭނުންވާ ޚިދުމަތްތަކަށް އެހީ ހޯދުމަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނާ މައްސަލަތައްވެސް ހިމެނެއެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ އެ މައްސަލަތަކުގެ ތަފްސީލް މިނިސްޓްރީއާ ހިއްސާ ކޮށްދިނުމަށް ކޮމިޓީގައި ދަންނަވާފައެވެ. އަދި ކޮމެޓީން ފާހަގަކުރި ވަކިވަކި މައްސަލަތަކުގައި މިނިސްޓްރީން އާންމުކޮށް އަމަލު ކުރާ އުސޫލު އޮޅުން ފިލުވައި ދެއްވާ، އެ މައްސަލަތަކުގައި އިތުރަށް ބަލަން ޖެހޭ ކަމެއް ހުރި ނަމަ ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަކި ފަރާތެއްގެ މައްސަލައެއް އުޅޭ ކަމެއްގަ ވެއްޖިއްޔާ އެކަމެއްގެ އެ މައްސަލައެއް ދިމާވެފަ ވަނީ ކިހިނެއްތޯ ބަލައި އެކަމެއް އަޅުގަނޑުމެންނަށް ސާފުކޮށް އެ މައުލޫމާތު އެރުވޭނެ ލަސްވެފަ އޮތިއްޔާ ލަސްވެފަ އޮތީ ކީއްވެތޯ," ނަހުލާ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އެހެނިހެން މައްސަލަތަކާ ގުޅިގެން މީގެކުރިންވެސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ. މާލެއާ އެކަށީގެން ނުވާ މިންވަރަށް ވެހިކަލުތައް އިތުރުވާ މައްސަލަ އާ ގުޅިގެން މިނިސްޓަރު ވަނީ ފާއިތުވި ހަފުތާ ތެރޭގައި ގަވާއިދު ކޮމިޓީއަށްވެސް ހާޒިރުކޮށްފައެވެ.