ދިއްގަރު އެކުވެރި މަދަހަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ

"އެކުވެރި މަދަހަ 1444"ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީއިން ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މ. ދިއްގަރުގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ "އެކުވެރި މަދަހަ 1444"ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީއާއެކު މިއަދު ސޮއިކޮށްފިއެވެ.

މި މަދަހަ މުބާރާތަކީ އެ ރަށުގެ އެކުވެރި ޒުވާނުންގެ ގުޅުމުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.

އެ ޖަމިއްޔާއާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން މި މުބާރާތުގެ ބައިވެރިން ހުށަހަޅައިދޭ މަދަހަތައް އެސްއެސްޓީވީން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ޓީވީއިން ދައްކާނީ މުބާރާތުގެ ދެވަނަ ބުުރުގައި ބައިވެރިން ހުށަހަޅައިދޭ މަދަހަތަކެވެ.

މީގެ އިތުރުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނަ މި މުބާރާތުގެ ގްރޭންޑް ފިނާލޭ އެސްއެސްޓީވީ މެދުވެރިކޮށް ވަގުތުން ބެލުންތެރިންނަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވީ މި މީޑިއާއިން ރަމަޟާން މަހު ދީނީ ކޮންޓެންޓު އިތުރުކުރުމަަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވޭ އެސްއެސްޓީވީގެ ކޮންޓެންޓުތަކުގެ ތެރޭގައި އަތޮޅު ތެރޭގެ މަންޒަރުތަކާއި އަޑާއި އެ މީހުންގެ ކަންކަން ގެނެސްދޭން. އެސްއެސް ޓީވީގެ ކޮންޓެންޓުގެ ބޮޑު ޕަސެންޓެއް މި ޚާއްސަ ކުރަނީ އަތޮޅު ތެރެއަށް. ދެން ރަށްރަށުގެ ޒުވާނުންނަށް އެ މީހުންގެ އުފެއްދުންތެރި ޚިޔާލުތައް މި ޓީވީ މެދުވެރިކޮށް ގެނެސްދިނުމުގެ ފުރުސަތު އެބައޮތް،" ޒަހީން ވިދާޅުވިއެވެ.

މީގެ އިތުރުން އެސްއެސް ޓީވީ ރަމަޟާން މަހަށް ޚާއްސަކޮށް ގެންނަ "ކާނިވާ" ޝޯގެ ކުޑަކުދިންނަށް ޚާއްސަ ސެގްމަންޓު ވެސް ދިއްގަރުގެ ކުޑަކުދިންނާއި އެ ރަށު ރައްޔިތުންނަށް ޚާއްސަކޮށްގެން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަދަހަ މުބާރާތުގެ އިތުރުން ވެސް އެސްއެސް ޓީވީން މި ރަމަޟާން މަހުވަނީ އަތޮޅު ތެރޭގައި ހިންގި ގިނަ މުބާރާތްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

އޭގެ ތެރޭގައި ހއ. ދިއްދޫގައި އޮތް "ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތް ފާހަގަކޮށްލެވެއެވެ. އަދި ޒިކުރާ އިންޓަނޭޝަަނަލް ކޮލެޖުގެ ދީނީ މައުޟޫއަށް ވާހަކަދެއްކުމުގެ މުބާރާތް ވެސް ހިމެނެއެވެ.

comment ކޮމެންޓް