ދިވެހި އިންވެސްޓަރެއްގެ ހައްގު ގެއްލުވާލުން މާ ނިކަމެތި: އާމިރު

ދެ ކުންފުނީގެ ދެމެދުގައި އޮތް މެނޭޖްމަންޓު އެގްރީމެންޓެއްގައި ހިނގާފައިވާ ކަންކަން ނޭނގި ނޫހެއްގައި ލިޔެފައިވާ ލިޔުމަކުން ދިވެހި އިންވެސްޓަރެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މާ ނިކަމެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ސަން ޓްރެވެލްސް ކުންފުނިން ހިލަޓަންއާ އެކު ހެދި އެއްބަސްވުމާ ގުޅިގެން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ސަން ޓްރެވެލްސް ކުންފުނިން ވަނީ ކުށްވެރިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި އާމިރު ވިދާޅުވީ ދެ ކުންފުންޏެއްގެ ދެމެދުގައި ހަދާފައި އޮތް މެނޭޖްމަންޓު އެގްރީމެންޓެއްގައި ކަން ވީގޮތް ނޭނގި، ލިޔެފައިވާ ލިޔުމެއްގެ ސަބަބުން ދިވެހި އިންވެސްޓަރުން ނިކަމެތިވާ ކަމަށެވެ. އެއީ، މާ ބޮޑު މައްސަލައެއް ކަމަށް ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ދިވެހި އިންވެސްޓަރުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް މި ބާވަތުގެ މައްސަލަތައް އުފެދުނީމައި، ދެ ކުންފުނީގެ ދެމެދުގައި އޮތް މެނޭޖްމަންޓު އެގްރީމެންޓެއްގެ ކަންތައްތައް ނޭނގި، ބޭރުގެ އިންވެސްޓަރެއްގެ މުދާތަކަށް ދިވެހި އިންވެސްޓަރަކު އަރައިގަތީ ކަމަށް ދިވެހިރާއްޖޭގެ ނޫސްތަކުގައި ލިޔުން އެއީ މާ ނިކަމެތި ކަމެކޭ،" އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން އެންމެ ފަހު މަރުހަލާއާ ޖެހެންދެން މަސައްކަތް ކުރުމަކީ ސަން ޓްރެވެލްސް ކުންފުންޏަށް ވެސް ލިބިފައި އޮތް ހައްގެއް ކަމަށެވެ. އެހެންވެ، ޝަރީއަތަށް ހުށަހަޅައިގެން މައްސަލައެއް ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"މި މައްސަލައަކީ ކޯޓުގައި ހިނގަމުން އަންނަ މައްސަލައެއް، ފަހު މަރުހަލާއަށް ގޮސް އެ މައްސަލަ ނިމުނީމާ އެ ހިސާބުން މައްސަލަ ނިމުމަކަށް ދާނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް