ޕީއެސްއެމްގެ ނަމުގައި ފޭކު ލިންކުތަކެއް، ސަމާލުވޭ!

ޕީއެސްއެމްގެ ނަމުގައި ލިންކުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ-- ފޮޓޯ/ ބީއެމްއެލް

މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި, އެއަށް ފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާތީ ސަމާލުވާން އެދިއްޖެއެވެ.

ބައެއް ކޯލުތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ބުނެފައެވެ. މި ގޮތުން މިދިޔަ ފަސް ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކަސްޓަމަރުންނަށް ގުޅައި ވަރަށް މޮޅަށް ވާހަކަދައްކައިގެން ބައެއް މީހުންގެ އިންޓަނެޓް ބޭންކިން ޕާސްވޯޑުތަކާއި އޯޓީޕީ ފަދަ މައުލޫމާތު ހޯދާފައި އެބަހުރި ކަމަށެވެ.

ބީއެމްއެލް ވީސާ ކާޑެއް: ކާޑުގެ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާ ނުކުރާން ބޭންކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން -- ފޮޓޯ/ ބީއެމްއެލް

އެހެންވެ، މިފަދަ ސްކޭމްތަކަށް އިތުރަށް ސަމާލުވާން އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. އޭނާ ވިދާޅުވީ ކަސްޓަމަރުންގެ އެފަދަ މައުލޫމާތު ހޯދަން އެއްވެސް އިދާރާއަކުން ނުގުޅާނެ ކަމަށެވެ.

"އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެން ކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށް ވެސް ދަންނަވަން." ސައީދު ވިދާޅުވިއެވެ.

އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ބޭންކަށް ހުށަހެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް