އަރަބިއްޔާގެ އާ އިމާރާތް ނިމޭނީ އަންނަ ދިރާސީ އަހަރަށް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ / ފޮޓޯ: މަޖިލިސް

އަރަބިއްޔާ ސްކޫލް ހިންގަމުން އައި އިމާރާތް ބާވެ، އެ ސްކޫލު ހިންގާނެ އާ އިމާރާތެއް އެޅުމަށް ދޫކޮށްފައިވާ ބާ ޖަމާލުއްދީން ހުންނަ ބިމުގައި އެ ކަމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެ ކަމަށާއި، އަންނަ 2024ވަނަ އަހަރުގެ ދިރާސީ އަހަރަށް މަސައްކަތް ނިންމައިލެވޭނެ ކަމަށް އެޑިއެކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ ސްކޫލާއި ގުޅޭ ގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ކަމަށާއި، އިމާރާތުގެ ކޮންސެޕްޓް ކުރެހުން ފައިނަލްކޮށް މިހާރު ކުރިއަށްދަނީ ޑީޓެއިލްޑް ޑްރޯވިންގެ މަސައްކަތް ނިންމުމުގެ މަރުހަލާ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ، ސްކޫލު ހުޅުވޭނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ މިހާރުގެ ވާކްޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާ ކަމުގައި ވެއްޖިއްޔާ 2024ވަނަ އަހަރުގެ ދިރަސީ އާ އަހަރު. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.

އަދި، އިމާރާތް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތް ވަނީ ހަމަޖައްސައިދެއްވައިފައެވެ. އަރަބިއްޔާ ސުކޫލަކީ 2011ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ.

އަރަބިއްޔާގެ އާ އިމާރާތުގެ ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ގައެވެ. މި ޕރޮޖެކްޓްގެ އަގަކީ 168.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް