މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އިތުރަށް އެއް މިލިއަން ރުފިޔާ ކުޅިވަރާ ބެހޭ ވުޒާރާއިން ދިނުމުން އެހެން ކުލަބުތަކުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
މާޒިޔާއަށް އިތުރަށް އެއް މިލިއަން ރުފިޔާ ދިނީ އެ ކުލަބަކީ މި ސީޒަނުގައި އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމަކަށް ވުމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ވިދާޅުވެފައެވެ.
އެކަމަކު ކުލަބުތަކުން ވަނީ މާޒިޔާއަށް އިތުރަށް އެއް މިލިއަން ރުފިޔާ ދިނުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
އެގޮތުން ކުލަބް ގްރީން ސްޓްރީޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ސީޒަން ފަށަން ކުޑަތަންވީއިރު، ކުލަބުތަކުން މާލީ ދަތިކަމެއްގެ ތެރޭގައި ވަނިކޮށް ރާއްޖޭގައި އޮތް މާލީ ގޮތުން އެންމެ ރަނގަޅު ކުލަބަށް ފައިސާ އިތުރަށް ލިބެންވީ އުސޫލެއް ނޭނގޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބުގެ އިސް ހިންގުންތެރިޔާ އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަޙްމަދު ނަޝީދު (ޑޭވް) ވަނީ މި މައްސަލަ އެންޑި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ވެސް އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މިދިޔަ ސީޒަނުގައިވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މާޒިޔާ ވަރުގަދަ ކުރުމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައެވެ.
މިފަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ހޯމަ ދުވަހު ފަށާއިރު، އެ މުބާރާތުގައި ދެ ކުލަބަކުން ބައިވެރިނުވާނެއެވެ. މާލީ މައްސަލަތަކާ ހެދި މި މުބާރާތުގައި ބައިވެރިނުވާނެ ދެ ޓީމަކީ ކުލަބް ގްރީން ސްޓްރީޓްސް އާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އެވެ. އެ ދެ ކުލަބުން މިހާތަނަށް ފަރިތަކުރުން ވެސް ނުފަށައެވެ.