ކްރޯމް 112: އާ ޑިޒައިން އާއި ފީޗާސް ދައްކާލައިފި

ގޫގުލްގެ އެންމެ ފަހުގެ ކްރޯމް ވާޝަން 112 ތައާރަފުކޮށް، އާ ބައެއް ފީޗާތަކާއި ބަދަލުތައް ދައްކާލައިފިއެވެ.

މި ވާޝަންގެ އެންމެ މުހިންމު އެއް ބަދަލަކީ ކްރޯމް އެޕްތަކަށް ސަޕޯޓް ދިނުން ހުއްޓައިލުމެވެ.

ކްރޯމް އެޕްތައް ކްރޯމް ވެބް ސްޓޯރުން ޑައުންލޯޑް ކުރެވޭއިރު، ސީދާ ބްރައުޒާގައި މީގެ ކުރިން ހިންގޭނެއެވެ. ނަމަވެސް ގޫގުލްއިން ވަނީ 2020ވަނަ އަހަރުގެ ކުރީކޮޅު އެފަދަ އެޕްތަކަށް ސަޕޯޓް ދިނުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އެކަމަކު ޕްރޮފެޝަނަލް ޔޫޒަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަޕޯޓް އިތުރުވެސް ކުރިއެވެ. އެންމެފަހުން ކްރޯމް 112 ނެރުމާއެކު ގޫގުލް އިން ވަނީ ކްރޯމް ވެބް ސްޓޯރުން ޑައުންލޯޑް ނުވަތަ އިންސްޓޯލް ނުކުރެވޭތީ ކްރޯމް އެޕްސް އަށް ސަޕޯޓް ދިނުން މުޅީން އެކީއެކަށް ނިންމާލައިފައެވެ. އޭގެ ބަދަލުގައި ގޫގުލް އިން މިހާރު އިސްކަންދެނީ ޕްރޮގްރެސިވް ވެބް އެޕްސް (ޕީޑަބްލިޔުއޭ) އަށް ސަޕޯޓްދިނުން ކަމަށްވާއިރު، މިއީ މާ ފްލެކްސިބަލް އަދި ސްޓޭންޑަޑައިޒް ކުރެވިފައިވާ އެޕްތަކެކެވެ.

ފަހުގެ ބްރައުޒާގައި ކްރޯމް އެޕްސްއަށް މިހާރު ސަޕޯޓް ނުކުރާއިރު، ގޫގުލް އިން ވަނީ އަދިވެސް އެ އެޕްތަކަށް އެކްސެސް ބޭނުންވާ ވިޔަފާރިތަކަށް ފްލެގެއް ބްރައުޒާގައި ދޫކޮށްލައިފައެވެ. މި ފްލެގް އެކްޓިވޭޓް ކުރުމުން ބްރައުޒާގެ ދެން އޮންނަ ދެ ވަރޝަނަށް އެ އެޕްތަކަށް ސަޕޯޓް އިތުރުވެގެން ދާނެއެވެ.

ކްރޯމް 112އަށް އައި އަނެއް މުހިންމު ބަދަލަކީ މެޓީރިއަލް ޔޫގެ ގްރެފިކް ކޯޑްތައް ބޭނުންކޮށްގެން އާ އިންޓަފޭސްއެއް ތައާރަފް ކުރުމެވެ. މި ވަގުތު އެ ބަދަލުތައް މާބޮޑަށް ނުފެނު ނަމަވެސް، ގޫގުލް އިން ވަނީ ކުރިއަށް އޮތް ބަދަލުތަކުގެ ފުރަތަމަ އޯވަވިއުއެއް ޔޫޒަރުންނަށް ލިބޭނެ ފްލެގެއް އިންޓަގްރޭޓް ކޮށްފައެވެ. މި އަހަރު ނިމުމުގެ ކުރިން އާ އިންޓަފޭސް އަންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކްރޯމްގެ ޑެސްކްޓޮޕް ވާޝަންގެ އިތުރުން އައިއޯއެސްގައި ވެސް މިހާރު ކްރޯމް ބޭނުންކޮށްގެން ސްމާޓްފޯނުގެ ހޯމް ސްކްރީނަށް ވެބްސައިޓްތައް އިތުރު ކުރެވޭނެއެވެ. ކުރިން އެއީ އައިއޯއެސްގެ ނެޓިވް ވެބް ބްރައުޒާ ކަމަށްވާ ސަފާރީއަށް ހާއްސަކޮށްފައިވާ ފީޗާއެކެވެ.

މީގެ އިތުރުން މިހާރު ޑައުންލޯޑް ކުރެވިފައިވާ ފައިލްތައް ސީދާ ބްރައުޒާގައި ޕްރިވިއުކޮށް، ބްރައުޒާގައި ޕާސްވޯޑްތައް ފަސޭހައިން ބެލެހެއްޓުމަށްޓަކައި އަލުން ޑިޒައިންކޮށްފައިވާ ޕާސްވޯޑް މެނޭޖަރަކަށް ވަދެވޭނެއެވެ .

އަދި ކްރޯމްގެ ފަހުގެ ވާޝަންގައި ރީޑިން މޯޑެއް ވެސް ވަނީ އިތުރުކޮށްފައެވެ. ވެބް ޕޭޖްތަކުގެ ކޮންޓެންޓް އަލުން ފޯމެޓްކޮށް ކިޔުމަށް ފަސޭހަވާ ގޮތަކަށް މި ފީޗާއިން ބަދަލު ކޮށްލެވޭނެއެވެ. އަދި ކްރޯމް 112އާ އެކު ގޫގުލް އިން ދަނީ އެކްޓިވް ޕޭޖްގެ ވާތްފަރާތުގައި ދައްކާ ވަކި ޕެނަލެއްގައި އެކްޓިވް ޕޭޖް ރީފޯމެޓް ކުރާ ދެވަނަ ރީޑިން މޯޑެއް ޓެސްޓް ކުރަމުންނެވެ.

މި ފީޗާ ބޭނުން ކުރުމަށްޓަކައި ޔޫޒަރުން ޖެހޭނީ chrome://flags/#read-anything ފްލެގް އެކްޓިވޭޓް ކޮށްލާށެވެ. އަދި ޑިފޯލްޓްކޮށް ރީޑިން ލިސްޓް ދައްކާ ޑްރޮޕް ޑައުން މެނޫއިން ރީޑިން މޯޑް ސެލެކްޓް ކޮށްލާށެވެ.

ގޫގުލް ކްރޯމް 2008ވަނަ އަހަރު ތަޢާރަފު ކޮށްފައިވާއިރު، މި ބްރައުޒާ އަކީ މުއްސަނދި ތާރީހެއް އޮތް ގޫގުލް އިން އުފެއްދި މަޝްހޫރު ވެބް ބްރައުޒާއެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ކްރޯމް ވަނީ ގިނަ އަޕްޑޭޓްތަކާއި ވާޝަންތައް ނެރެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ވެބް ބްރައުޒާއަށް ވެފައެވެ. ކްރޯމް ފަރުމާކޮށްފައިވަނީ ސްޕީޑާއި ސެކިއުރިޓީ އަދި ސާދާކަމަށް އަލިއަޅުވާލައިގެން ކަމަށްވާއިރު، ފާސްޓް ލޯޑިން ޓައިމްސް އާއި މިނިމަލިސްޓް އިންޓަފޭސްގެ ސަބަބުން ބޭނުންކުރާ މީހުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވެއެވެ.

އެހެން ބްރައުޒާތަކާ އަޅައި ބަލާއިރު، ކްރޯމްގެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ސާޗް ބާ އާއި ޔޫއާރްއެލް ބާ އެއްކޮށްލުމަށް ފަހު ވެބް ސާޗްކޮށް ނެވިގޭޓް ކުރުމަށް ފަސޭހަކޮށްދޭ އޮމްނިބޮކްސްއެވެ. ކްރޯމް އިން ވަނީ ހަރުދަނާ އެކްސްޓެންޝަން އިކޯސިސްޓަމެއް ތައާރަފުކޮށް، ބްރައުޒިންގެ ތަޖުރިބާ ތަފާތު ޕްލަގިންތަކާއި އެޑް-އޮންތަކާ އެކު ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.

މީގެ އިތުރުން ގޫގުލް އިން އަންނަނީ ނުރައްކަލުން ރައްކާތެރިވެ، ބޭނުންކުރާ މީހުންގެ ޕްރައިވެސީ ރަނގަޅު ކުރުމަށް ޓަކައި ރެގިއުލާ ސެކިއުރިޓީ ޕެޗްތަކާ އެކު ކްރޯމް އަޕްޑޭޓް ކުރަމުންނެވެ.

ކްރޯމް އަކީ އިންޓަނެޓް ބޭނުންކުރާ ގިނަ ބައެއްގެ މަގުބޫލު ޗޮއިސްއަކަށް ވެފައިވާއިރު، އޭގެ ކުރިއެރުމަކީ ޒަމާނީ ވެބް ބްރައުޒިން އެކްސްޕީރިއަންސް ބައްޓަންކުރަމުން އަންނަ ކަމެވެ.

comment ކޮމެންޓް