މިދިޔަ ތިން އަހަރު ވީއޭއެމުން ކަނޑައެޅި ބަޖެޓުގެ ތަފްސީލު ހޯދަން ކޯޗު މުޙައްމަދު ޝަރަފް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައި އެދިއްޖެއެވެ.
ވީއޭއެމުން މިދިޔަ ތިން އަހަރުވެސް އަހަރީ އާންމު ޖަލްސާ ބާއްވާފައިނުވާއިރު، އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކަށް ކަނޑައެޅި ބަޖެޓުގެ ތަފްސީލެއް އެއްވެސް ކުލަބަކަށްވެސް ލިބިފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަހަރީ އާންމު ޖަލްސާއެއް ބޭއްވުމެއް ނެތި ވީއޭއެމުން އެ އެސޯސިއޭޝަންގެ ޚަރަދުތައް ކޮށްފައިވާއިރު، ކުޅިވަރު ގާނޫނުގެ ދަށުން ބަޖެޓު ފާސްނުކޮށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުން އެއީ މަނާ ކަމެކެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބަޖެޓު ފާސްކުރަނީ އާންމުގޮތެއްގައި އަހަރީ އާންމު ޖަލްސާގައެވެ. ވީއޭއެމުންވެސް މީގެ ކުރިން އަމަލުކޮށްފައިވަނީ އެގޮތަށެވެ. އެކަމަކު މިހާރުގެ ލީޑަޝިޕާއި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ހަވާލުވިފަހުން ތިން އަހަރު ވޭތުވެދިޔައިރުވެސް އަހަރީ އާންމު ޖަލްސާއެއް ބާއްވާފައިނުވާތީ ބައެއް ކުލަބުތަކުން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ކޯޗު ޝަރަފް އެދިފައިވަނީ މައިގަނޑު ގޮތެއްގައި ވީއޭއެމްގެ ބަޖެޓުގެ ތަފްސީލަށެވެ. އެގޮތުން ވީއޭއެމުން މިދިޔަ ތިން އަހަރަށް ފާސްކުރި ބަޖެޓުގެ ތަފްސީލު ހޯދުމަށާއި، 2021 އަދި 2022 ވަނަ އަހަރުގެ އަހަރީ ހިސާބުގެ ތަފްސީލު ހޯދުމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން ވީއޭއެމަށް ލިބިފައިވާ ފައިސާގެ ތަފްސީލާއި އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލު ހޯދުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން އެސޯސިއޭޝަނަށް މިދިޔަ ތިން އަހަރު ލިބުނު ފައިސާއާ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލާއި ސްޕޮންސަރުންގެ ފަރާތުން ލިބުނު ފައިސާ އާއި އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލާއި، މިދިޔަ އަހަރު ބޭއްވި ބީޗް ޕްރޯ ޓުއާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބުނު ފައިސާ އާއި އެފައިސާ ޚަރަދުކުރި ގޮތުފެ ތަފްސީލު ހޯދުމަށާއި، މި އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕްއަށް ލިބުނު ފައިސާ އާއި އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލު ހޯދުން ހިމެނެއެވެ.
ކޯޗު ޝަރަފް ވީއޭއެމްގެ ބަޖެޓުގެ ތަފްސީލު ހޯދުމަށް ހުށަހެޅިއިރު، ވޮލީއަކީ ފުޓުބޯޅަ ނަގާފައި އެންމެ ބޮޑު ޚަރަދެއް ދިޔަ އެއް ކުޅިވަރެވެ. އެގޮތުން މިދިޔަ ތިން އަހަރު ބައިނަލްއަގްވާމީ އަދި ރާއްޖޭގައި ވޮލީބޯޅައިގެ ގިނަ މުބާރާތްތަކެއް ވަނީ ބާއްވާފައެވެ.