އައިއޯއެސް 17: މި އައިފޯނުތަކަށް ސޮފްޓްވެއާ އަޕްޑޭޓް ނުލިބޭނެ!    

އެޕަލްއިން މި އަހަރުގެ އައިއޯއެސް 17 ގެ ބޮޑު އަޕްޑޭޓް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ. އެހެން ބޮޑެތި އަޕްޑޭޓްތަކެކޭ އެއްފަދައިން މި އަޕްޑޭޓްގައި ވެސް ވަރަށް ގިނަ ބޭނުންތެރި އާ ފީޗާތައް ހިމެނޭނެއެވެ.

އެޕަލްއިން ޑަބްލިޔުޑަބްލިޔުޑީސީ 2023 ގައި އައިއޯއެސް 17 އިއުލާން ކުރަން ނިންމާފައިވާއިރު، މި ބޮޑު ރަސްމިއްޔާތު ލޯންޗް ކުރުމުގެ ކުރިން ބައެއް އައިފޯންތަކާއި އައިޕެޑްތަކަށް ދެން އަންނަ އަޕްޑޭޓް ނުލިބިދާނެ ކަމަށް ބުނާ އަޑުތައްވެސް ވަނީ ފެތުރެން ފަށައިފައެވެ. މީގެ ކުރިންވެސް އެފަދަ އަޕްޑޭޓްތައް ނުލިބޭނެ ފޯނުތަކުގެ ލިސްޓް އެޕަލްއިންވެސް ނެރެފައިވެއެވެ.

އެޕަލްއިން ކޮންމެ ފޯނަކަށްވެސް ވަކި ހިސާބަކުން ސޮފްޓްވެއާ އަޕްޑޭޓް ދިނުން ހުއްޓާލައެވެ. ނަމަވެސް ފޯނުތަކަށް ސަޕޯޓް ދޭނީ ކޮން މުއްދަތަކަށް ކަމެއް ސީދާ ބުނަން ނޭނގެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި އައިފޯން އެކްސް ފަދަ އެޕަލް ޑިވައިސްތަކަށް އައިއޯއެސް 17ގެ އަޕްޑޭޓެއް ނުލިބޭނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އައިއޯއެސް 17 އާއި އައިޕެޑްއޯއެސް 17 ވެސް ނުލިބިދާނެ ފަހުގެ ޑިވައިސްތަކެއް އެބަހުއްޓެވެ.

ގިނަ ރިޕޯޓަރުން އެ ޑިވައިސްތަކުގެ ލިސްޓެއް އެކުލަވާލާފައި ވަނީ ޓްވިޓާގައި އިތުބާރު ކުރެވޭ އެކައުންޓަކުން އާންމުކުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެ ވާހަކަތައް ހިއްސާކުރި ޓްވިޓާ އެކައުންޓަކީ އެޕަލްގެ އުފެއްދުންތަކާ ގުޅޭ ގޮތުން ސައްހަ ލަފާތަކެއް ދިނުމުގެ ރަނގަޅު ރެކޯޑެއް އޮތް އެކައުންޓެކެވެ. އޭނާ ބުނާގޮތުން އައިއޯއެސް 17 އަދި އައިޕެޑްއޯއެސް 17 ނުލިބޭނެ ޑިވައިސްތަކަކީ:

އައިފޯން 8

އައިފޯން 8 ޕްލަސް

އައިފޯން އެކްސް

އައިޕެޑް (5 ވަނަ ޖީލުގެ)

9.7 އިންޗީގެ އައިޕެޑް ޕްރޯ (1 ވަނަ ޖީލުގެ)

12.9 އިންޗީގެ އައިޕެޑް ޕްރޯ (1 ވަނަ ޖީލުގެ)

މިއީ މިހާރު ސޮފްޓްވެއާ އަޕްޑޭޓް ނުލިބޭ އެޕަލް ޑިވައިސްތަކުގެ ލިސްޓުގައި އެންމެ ފަހުން ހިމެނޭ ޑިވައިސްތަކެވެ. އައިއޯއެސް 16 ނުލިބޭ ޑިވައިސްތަކުގެ ލިސްޓެއް މިދިޔަ އަހަރު އާންމުކޮށްފައިވެއެވެ. އެއީ އައިފޯން 6އެސް، އައިފޯން 6އެސް ޕްލަސް، އައިފޯން 7/7 ޕްލަސް، އައިފޯން އެސްއީ (1 ވަނަ ޖެން) އަދި އައިޕޮޑް ޓަޗް 7 ވަނަ ޖެނެރަލް އެވެ.

އެ ޑިވައިސްތަކަށް ސޮފްޓްވެއާ އަޕްޑޭޓް ނުލިބުނަސް ސެކިއުރިޓީ ޕެޗްތައް ލިބޭނެ ކަމެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އައިއޯއެސް 17 އަޕްޑޭޓް ލިބުނަސް ބައެއް އަޕްޑޭޓެޑް ފީޗާސް ކޮންމެ ފޯނަކަށް ނުލިބޭނެއެވެ. އެޕަލްއިން އައިއޯއެސް 16 ނެރުނުއިރުވެސް އެފަދަ ފިޔަވަޅެއް އަޅާފައިވެއެވެ. އެގޮތުން އައިއޯއެސް 16ގައި ހިމެނޭ ލައިވް ޓެކްސްޓް ފީޗާ އައިފޯން އެކްސްއަށް ނުލިބެއެވެ. އެޕަލް އިން ލައިވް ޓެކްސްޓް ފީޗާ ދިނީ އައިފޯން އެކްސް، އެކްސްއާރު އަދި އެއަށްވުރެ މަތީގެ ފޯނުތަކަށެވެ.

comment ކޮމެންޓް