ސިޔާސީ ދެ ހަތުރުން އަހަރުތަކަކަށް ފަހު އެއް މޭޒަކުން

އަހަރުތަކަކަށް ފަހު ރައީސް ނަޝީދާއި ރައީސް ޑރ. ވަހީދު އެކުގައި --- ފޮޓޯ/ މަޖިލިސް

މީގެ 11 އަހަރު ކުރިން ވެރިކަމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެ މަގާމާ ހަވާލުވެލެއްވީ އޭރު އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެހާ ހިސާބުން ނަޝީދާއި އެމަނިކުފާނަށް ސަޕޯޓް ކުރާ މީހުންނަށް ވަހީދު ބަދަލުވީ "ބާޣީ ވަހީދު" އަށެވެ. އެތައް ފުރައްސާރައަކާއި ޖެއްސުމެއް ކުރިއެވެ.

އެ ހިސާބުން ސިޔާސީ މިތުރުން ހަތުރުންނަށް ބަދަލުވިއެވެ. ނަޝީދުގެ ނަޒަރުގައި ސިޔާސީ ގޮތުން އެމަނިކުފާނަށް އެންމެ ބޮޑު "ދޯކާ"އެއް ދެއްވި ބޭފުޅަކީ ޑރ. ވަހީދެވެ. ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނާއެކު ޑރ. ވަހީދު ވެސް އިސްތިއުފާ ދެއްވުމަށެވެ. އެކަން އެގޮތަށް ނުވުމުން ނަޝީދުގެ ވެރިކަން ބަދަލު ކުރެއްވުމަށް ޑރ. ވަހީދު ބަގާވާތް ކުރެއްވީ ކަމަށް ތުހުމަތު ކުރިއެވެ.

އެކުގައި ވެރިކަމަށް ވަޑައިގެންނެވި އެންމެ ގާތް ބޭފުޅުން، އެންމެ ދުރު ބޭފުޅުންނަށް ބަދަލުވީ ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސްކަމުގެ މަގާމާ ނައިބު ރައީސްގެ ހައިސިއްޔަތުން ވަހީދު ހަވާލުވެވަޑައިގެންނެވުމުންނެވެ.

އޭގެ ފަހުން އެމްޑީޕީގެ މެމްބަރުންނާއި ޚުދު ނަޝީދުގެ ފަރާތުން ވެސް ޑރ. ވަހީދުއަށް ނިސްބަތްވީ ހަޑިހުތުރު ބަސްތަކެވެ. ސިޔާސީ ގޮތުން މުޅިން ވެސް އޮތީ ރުޅިވެރިކަމާއި ދެކޮޅުވެރިކަމެވެ. އެ ދެކޮޅުވެރިކަމުގެ ވާހަކައަކީ އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދޭތެރެއަކުން ދެކެވެމުން އަންނަ ވާހަކަތަކެވެ. ސިޔާސީ މި ނަފުރަތު ފެށުނު ހިސާބުން މި ދެބޭފުޅުން އޭގެ ފަހުން އެކުގައި ފެނިފައެއް ނުވެއެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ކުއްލި ގޮތަކަށް ނަޝީދު، ރައީސް ކަމުން އިސްތިއުފާދެއްވި ދުވަހަށް މިހާރު 11 އަހަރުވެފައިވާއިރު، މީގެ ވާހަކަ އަނެއްކާވެސް އާއްމުންގެ ތެރޭގައި ދެކެވެން ފެށީ ސޯޝަލް މީޑިއާގައި ރޭ އާއްމުވި ފޮޓޯއަކާ ގުޅިގެންނެވެ. މީގެ 11 އަހަރު ކުރީގެ ހަމަނުޖެހުންތަކާއި ސިޔާސީ ދެކޮޅުވެރިކަމުގެ ފަހުން އެ ދެ ބޭފުޅުން އެއް މޭޒެއްގައި ހިނިތުންވެލައިގެން ތިއްބެވި މި ފޮޓޯ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

އެންމެނަށް ވެސް އާ ވީ ރާއްޖޭގެ ސިޔާސީ މައިދާނުގެ މާޒީން ހަނދާންތަކެކެވެ. އެ ފޮޓޯއާ ގުޅުވައި އެކި މީހުން ވިސްނަމުން ދިޔައީ އެކި ގޮތަށެވެ. ފޮޓޯގައި ދެ ބޭފުޅުންވެސް ހިނިތުންވުމަކާއެކު ކަރީގައި ތިއްބެވުން ވެގެން ދިޔައީ އެ ފޮޓޯއަށް އާއްމުންގެ ސަމާލުކަން ގެނުވި އިތުރު ސަބަބަކަށެވެ. އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ބޯމަތިވަމުންދާއިރު، ސިޔާސީ ގޮތުން ނަޝީދާއި ޑރ. ވަހީދު ގުޅިވަޑައިގަންނަވަނީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަވާފައެވެ.

އެންމެ ބޮޑު ސަބަބަކީ ނަޝީދު، އެމަނިކުފާނު ރައީސްކަން ކުރައްވާ ޕާޓީއާއެކު ހުންނެވުމުގެ ބަދަލުގައި މަޒީގައި އެމަނިކުފާނުގެ ސިޔާސީ ހަތުރެއްގެ ގޮތުގައި ފާހަގަވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ގާތް ގުޅުމެއް މިހާރު ބާއްވަވާތީއެވެ. އަދި އެމްޑީޕީ ދެކަފިވެ، ނަޝީދު އިސްވެ ހިންގާ "ފިކުރެއްގެ ދިރުން" ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ތަފާތު މަސައްކަތްތައް ކުރަމުންދާތީއެވެ.

މިފަދަ ގިނަ ވާހަކަތަކެއް މި ފޮޓޯއާ ގުޅުވައި، އާއްމުންގެ ތެރޭގައި ދެކެވުނުއިރު، ހަގީގަތުގައި މިއީ ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ފޮޓޯއަކީ ސައުދީ އަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމެއްގައި ނަގާފައިވާ ފޮޓޯއެކެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ރޯދަވީއްލުމުގައި އެ ދެ ބޭފުޅުން ކައިރީގައި ތިއްބެވީ ގޮނޑިތަކާއި މޭޒުތައް ތަރުތީބުކުރެވިފައިވާ ގޮތުންނެވެ.

މީގެ 11 އަހަރުކުރީގައި ފެށުނު މި ނަފުރަތާއި ސިޔާސީ ދެކޮޅުވެރިކަމާއި ސިޔާސީ މިތުރުން ހަތުރުންނަށް ބަދަލުވި ގޮތުގެ ހަނދާންތަކަކީ ތާރީޚީ ހަނދާންތަކަކަށްވާއިރު، ރޭ އާއްމުވި މި ފޮޓޯއަކީ ވެސް ތާރީޚުގެ ތެރެއަށް ދޫކޮށްލެވޭ ތާރީޚީ ފޮޓޯއެކެވެ. އެކަމަކު އެ ދެބޭފުޅުން އަދި ސިޔާސީ ގޮތުން ގުޅުނީއެއް ނޫނެވެ.

comment ކޮމެންޓް