އާޖެންޓީނާ ފީފާ ރޭންކިންގެ އެއް ވަނައަށް

އާޖެންޓީނާ ގައުމީ ޓީމު ---

ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއިން ކޮންމެ ދެ މަހަކުން އިއުލާންކުރާ، "ފީފާ މެންސް ރޭންކިންގް"ގެ އެއްވަނައަށް އާޖެންޓީނާ ޖެހިލިއިރު ރާއްޖޭން ދެ ދަރަޖައިގެ ކުރި އެރުމެއް ހޯދައިފިއެވެ.

އެންމެ ފަހުން ފީފާ ރޭންކިން އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

އޭރު ފީފާ ރޭންކިންގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ. ނަމަވެސް މިއަދު އާންމުކުރި ރޭންކިންގެ އެއްވަނަ ލިބެނީ އާޖެންޓީނާއަށެވެ.

ބްރެޒިލް ވަނީ މިދިޔަ މާޗު މަހު މޮރޮކޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި 2-1ގެ ނަތީޖާއަކުން ބަލިވެފައެވެ.

އަދި އާޖެންޓީނާ ވަނީ މާޗު މަހު ކުޅުނު އެކުވެރި ކަމުގެ ދެ މެޗު ކާމިޔާބުކޮށްފައެވެ. މިހާރު ރޭންކިން އެތުރިފައިވާ ގޮތުން އާޖެންޓީނާއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި އޮތީ ފްރާންސްއެވެ. އަދި ބްރެޒިލް އޮތީ ތިން ވަނައިގައެވެ.

އޭޝިއާ ސަރަހައްދަށް ބަލާއިރު އޭޝިއާގެ އެއްވަނައިގައި އޮތީ ޖަޕާންއެވެ. އެ ޓީމު އޮތީ ފީފާ ރޭންކިންގެ އެއްވަނައިގައެވެ.

މީގެ އިތުރުން ރާއްޖެ ހިމެނޭ ސާފުގެ އެއްވަނަައިގައި އޮތީ އިންޑިއާއެވެ. އެ ޓީމު އޮތީ ފީފާ ރޭންކިންގެ 101 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ ހަތަރު ދަރަޖައިގެ ކުރި އެރުމެކެވެ.

ސާފުގެ ދެވަނައިގައި ރާއްޖެ އޮތީ ރޭންކިންގެ 154 ވަނައިގައެވެ. އެއީ އެންމެ ފަހުން އިއުލާނު ކުރި އިރު ވެސް ރާއްޖެ އޮތް ރޭންކިންއެވެ. ރާއްޖެ ވަނީ މިދިޔަ މަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ކާމިޔާބުކޮށްފައެވެ.

ސާފުގެ ރޭންކިންގެ ތިންވަނައިގައި އޮތީ ނޭޕާލްއެވެ. އެ ޓީމު އޮތީ ފީފާ ރޭންކިންގެ 174 ވަނައިގައެވެ. ހަތަރު ވަނައަށް އޮތް ބޫޓާން، ރޭންކިންގެ 185 ވަނައިގައި އޮތްއިރު ބަންގަލަދޭޝްއަށް ލިބެނީ ފަސް ވަނައެވެ. އެ ޓީމު އޮތީ ރޭންކިންގެ 192 ވަނައިގައެވެ. ހަވަނައިގައި އޮތް ޕާކިސްތާނު އޮތީ ރޭންކިންގެ 195 ވަނައިގައެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތް ލަންކާ އޮތީ ރޭންކިންގެ 207 ވަނައިގައެވެ.

comment ކޮމެންޓް