އެސްޓީއޯ އިން އެމްއޭސީއެލްއަށް ތެޔޮ ވިއްކުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި

އެސްޓީއޯ އިން އެމްއޭސީއެލް އާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށުން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަދު އެސްޓީއޯގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަޙުޖޫބު ޝުޖާޢުއެވެ.

މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެވޭނެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން 1.5 މިލިއަން ފީފާގެ އޭވިއޭޝަން ފިއުލް އަދި 80،000 ފީފާގެ ގޭސްއޮއިލް އެމްއޭސީއެލްއަށް ފޯރުކޮށްދޭނެއެވެ.

އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ. އަދި މި ޚިދުމަތުގައި އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ.

comment ކޮމެންޓް