ހިތި ގޮތަކަށް ބާސާ ބަލިކުރުމަށް ފަހު ރެއާލް ފައިނަލަށް

ރެއާލްއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

ފަހަތުން އަރައި ހިތި ގޮތަކަށް ބާސެލޯނާ ބަލިކުރުމަށް ފަހު ރެއާލް މެޑްރިޑް ކޮޕަޑެލްރޭ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ރެއާލް އިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނިކުތުމުގެ ކުރިން ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ބާސާއިން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

އެއްވަރު ކޮށްލައިގެން ފައިނަލަށް ދަތުރު ކުރެވެން އޮތް އެ މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ އެ ޓީމުންނެވެ. އެ މެޗު އެނބުރުނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެއާލްގެ ވިނީޝީއަސް ޖޫނިއާ ކާމިޔާބުކުރި ގޯލާ އެކުއެވެ.

އެ ގޯލާ އެކު މެޗުގެ ލީޑުނަގައި އެ ޓީމު ދެވަނަ ހާފަށް ނިކުތީ ހިތްވަރާ އެކުއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ރެއާލްއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ލުކާ މޮޑްރިޗް ދިން ޕާހަކުން ކަރީމް ބެންޒެމާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ބާސާއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން ---

އޭގެ އަށް މިނެޓު ފަހުން، މެޗުގެ 58ވަނަ މިނެޓުގައި ރެއާލްއިން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. ބާސާގެ އޭރިއާ ތެރެއިން ރެއާލްގެ ވިނީޝީއަސްއަށް ބާސާގެ ކެސީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލު ޖެހީ ބެންޒެމާއެވެ.

ރެއާލްއިން ހަތަރުވަނަ ގޯލު ޖަހައިފައިވަނީ މެޗުގެ 80ވަނަ މިނެޓުގައެވެ. ވިނީޝިއަސް ތަނަވަސްކުރި ފުރުސަތަކުން ބާސާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ބެންޒެމާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

އެ މެޗުން މޮޅުވެ ރެއާލް ކޮޕްޑެލްރޭ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ އޮސަސޫނާއާއެވެ.

އެ ޓީމު ވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސެމީގެ ފުރަތަމަ މެޗުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފައެވެ. އޮސަސޫނާ އަދި ރެއާލް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ ހައެއް މޭ ގައެވެ.

comment ކޮމެންޓް