މިދިޔަ ހުކުރު ދަވަހުގެ ރޭ ފަތިހު ގއ. ކަނޑުހުޅުދޫގައި މަރުވެފައި އޮއްވައި ފެނިފައިވާ އެ ރަށު ޖާމީން އަބްދުލްކަރީމް، 24ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތް ތޯ ތަހުގީގު ކުރާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އައި ޖާމީން ފެނުނީ ސައިކަލަކާ އެކު އައްސާފައި އޮއްވައި އެ ރަށު ފަޅުތެރެއިންނެވެ.
ޖާމީންގެ މަރުގެ މައްލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް އަންނަނީ ގިނަ ބަޔަކު ތުހުމަތު ކުރަމުންނެވެ. އެ ތުހުމަތުތައް ދިފާއުކޮށް އެ މިނިސްޓްރީން ބުނެފައި ވަނީ ޖާމީންގެ ހާލަތު ވަރަށް ކައިރިން މޮނީޓާކޮށް ބަލަމުން ގެންދިޔަ ކަމަށާއި އަދި ބޭސް ކެއުން ހުއްޓާލުމުން ދެން އައި ބަދަލުތަކާ ގުޅިގެން ވެސް ނަފުސާނީ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖާމިން މަރުވީ އޭނާގެ ހަރަކާތްތައް މޮނީޓާކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ބުނީ މިދިޔަ މާޗު މަހުގެ ނުވަވަނަ ދުވަހު ގއ. ކަނޑުހުޅުދޫ ކައުންސިލުން އެދިގެން ބޭއްވި ބައްދަލުވުމެއްގައި ޖާމީނާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ނަމަވެސް ޖާމީނަކީ އޭނާގެ ޢަމަލުތަކުގެ ސަބަބުން ފުލުހުން ރެސްޕޮންޑް ކުރަންޖެހޭ ފަދަ ކަންތައްތަކެއް އެހާތަނަށް ވެސް އަދި އޭގެ ފަހުން ވެސް ދިމާވެފައިވާ މީހެެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާޗު މަހުގެ 30ވަނަ ދުވަހު ޖާމީނަށް ބަލައިލަން ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ކަނޑުހުޅުދޫ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފަކަށް ގުޅައި ބުނެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލަތާއި އަދި އޭނާ އަމިއްލަ ނަފުސަށް ގެއްލުމެއް ދީފާނެކަމަށް ބެެލެވުން ފަދަ އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާ ކަމަށެވެ.
"ކަނޑުހުޅުދޫ ގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދަނީ ތިން ފުލުހުން ގާއިމުވެ ތިބެގެން ކަމަށް ވުމާ އެކު، އެ މަރުކަޒުގައި ތިބި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރެވިފައި ހުންނާނީ 24 ގަޑިއިރު ޑިއުޓީ އަދާކުރާގޮތަށް ނޫންކަން ވެސް ފާހަގަކޮށްލަން. މި ހާދިސާގައި ފުލުހުންގެ މުވައްޒަފުންގެ އިހުމާލެއްވޭ ތޯ މި ޚިދުމަތުން ތަހުގީގުގެ ތެރެއިން ބަލާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާއި ގުޅިގެން ޖާމީންގެ އާއިލާއަށާއި އަދި ޖުމުލަކޮށް މުޅި ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާނެ ކަމަށް ބެލެވޭތީ މި ކަމާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި އެ ފަރާތްތަކުގެ އިހުސާސްތަކަށް ރިއާޔަތް ކޮށްގެން، ޚަބަރު ގެނެސްދިނުމަށް އެދޭ ކަމަށެވެ.