ފުރަތަމަ ދިހައެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ

ޒަކާތް ބަލައިގަންނަނީ --

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި ފާއިތުވި ހަތަރު އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 1،310،160 ރުފިޔާ ލިބިފައިވާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނީ 1,092,547 ރުފިޔާއެވެ. އަދި، 1442ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގައި 977,301 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބުނުއިރު, 1441ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1,533,844 ރުފިޔާއެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ދައްކަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އާ ހަމައަށެވެ.

ޒަކާތް ބަލައިގަތުން އޮންލައިންކޮށް ވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި ފިނޭންސް މިނިސްތްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް