ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު މިއަދު އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ސައީދު އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއު ކޯޕަރައިޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ސައީދު އައްނުކޮށް، އޭނާއަށް ލިޔުން ހަވާލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު އެ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ޕީސީބީގެ ގާނޫނާއު ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކުންފުނީގެ މުހިއްމު ލަނޑުދަނޑިތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
ސައީދު ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކެބިނެޓް ސެކެޓްރީކަން ވެސް ކުރައްވައިފައެވެ. އެއަށް ފަހު، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ހިންގުމާ ވެސް އޭނާ ހަވާލުވިއެވެ. މި ސަރުކާރު އައުމަށް ފަހުގައި އޭނާ ހުރީ އެސްޓީއޯގެ ދަށުން ހިންގާ އެމްއެސްއެސްގެ ހިންގުމާ ހަވާލުވެއެވެ.
މީގެ އިތުރުން، ސައީދު މީގެ ކުރިން ވަނީ، ވީ ގްލޯބަލް ޓްރޭޑިން (ސިންގަޕޯ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އަދި ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމެންޓްގެ މަގާމާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.
ޕީސީބީން ސައީދު އެ މަގާމަށް އައްޔަނުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މުޙައްމަދު ރަޝާދު އެ މަގާމުން ވަކިކުރުމަށްފަހު، ސައީދު އެ މަގާމަށް އައްޔަނުކުރުމަށް ސަރުކާރުން ނިންމައި، އޭނާގެ ނަން ޕީސީބީއަށް ފޮނުވާފައިވަނިކޮށެވެ.
އަމްރު އެސްޓީއޯގެ އެމްޑީކަމުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.