ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ފަރާތުން، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު "ފިޔަވަތީ"ގައި އުޅޭ ކުދިންނަށް އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ހަދިޔާކޮށްފިއެވެ.
ބީއެމްއެލުން ބުނީ މިއީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ ތެރެއިން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ.

ފިޔަވަތީ ކުދިންނަށް ބީއެމްއެލުން އެހީ ދިނުން -- ފޮޓޯ/ ބީއެމްއެލް
ހަދިޔާކުރި ބައެއް ތަކެތީގެ ތެރޭގައި، ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތާއި ކުލަޖައްސައި ފޮތް ހިމެނެއެވެ. އަދި ކްރާފްޓު ސެޓާއި ބޯޑު ގޭމުތަކާއި ޕަޒަލްގެ އިތުރުން ސްޓޭޝަނަރީގެ އެކި ބާވަތްތައް ހިމެނެއެވެ.
މި ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.

ފިޔަވަތީ ކުދިންނަށް ބީއެމްއެލުން އެހީ ދިނުން -- ފޮޓޯ/ ބީއެމްއެލް
"ހުރިހާ ހަދިޔާއަކީ ވެސް ސީދާ ބޭންކުގެ މުވައްޒަފުން ދިން ހަދިޔާއެއް. މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަޅުގަނޑު ދަންނަވަން މި ފުރުސަތުގައި،" ސައީދު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ބީއެމްއެލުން ވަނީ މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ދަތި އާއިލާތަކަށް އެހީވުމަށް މަމްސް ޖަމިއްޔާއިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ދީފައެވެ.
މީގެ އިތުރުން އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި ތިން އަހަރުގެ ރަމަޟާން މަހު ވެސް ބޭންކުން ވަނީ އާކް ޖަމިއްޔާގެ އެހީ ޕްރޮގްރާމަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.