ސަރުކާރުން ހިންގާ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އަވަހަށް މަޝްރޫއުތައް ނިންމަން މަސައްކަތް ކުރާތީ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އޭނާ ވަނީ ސަރުކާރުން އެއް މަޝްރޫއެއް ތަކުރާރުކޮށް ކުރިއަށް ގެންދަން ޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ހަދާ ދުވަހު ނޫން އަނެއް ދުވަހު ބޮޑެތި ބަދަލުތަކެއް ގެނެސް، މަރާމާތުކޮށް މި ކަހަލަ ބޮޑެތި ސަކަރާތްތައް ނުޖަހާ ދުވަސްވަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" އާމިރު ވިދާޅުވިއެވެ.
އެ ސުވާލަށް ޖަވާބު އަރުވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ތަކުރާރުކޮށް ހިންގަން ޖެހެނީ އެ ކަންކަން ރާވާއި ޑިޒައިން ކުރަން ދޭން ޖެހޭ ވަގުތު މަދުވުމުން ކަމަށް ގަބޫލުކުރައްވައި ކަމަށެވެ. އަދި، ބޭރުގެ ބޮޑެތި ގައުމުތަކުގައި ކަންކަން ކުރަނީ އެފަދައިން ނޫން ކަމަށާއި މަޝްރޫއުތަކުގެ ޑިޒައިނާއި ރޭވުމަށް އެތައް އަހަރެއް ހޭދަވާ ކަމަށެވެ.
''[އެމެރިކާ] ޕޯޓެއް ހަދަން ވިސްނާ، ޕްލޭންކޮށް ހުރިހާ އެޑްމިނިސްޓްރޭޓިވް ކަންކަމެއް ނިންމާ މަސައްކަތް ފެށުމާ ހަމައަށް ހިނގާ ފަސް އަހަރާއި ދިހަ އަހަރާ ދޭތެރޭ. ދެން އަޅުގަނޑުމެންގެ އެ ކަންކަން މި ހުންނަނީ ހަމަ ރާސްޓަސް،" މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ، ޑިޒައިން ހެދުން ކަމަށް ވިޔަސް، އީއައިއޭ ހެދުން ކަމުގައި ވިޔަސް، އެއީ މި ރާއްޖޭގެ ހާލަތު. އެ ޑިމާންޑުގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ކުރީމަ އަޅުގަނޑު ގަބޫލުކުރަން އެބަހުރޭ ޑިޒައިން ކުރުމުގެ ދަތިތަކެއް ވެސް، އެބަ ހުރޭ އަޅުގަނޑުމެންނަށް ނުބެލި އޮމިޓް ކުރެވިފައި ހުންނަ ކަންކަން ވެސް،"
އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވަގުތު ބޭނުން ވާނެ ކަމަށެވެ. ނޫން ނަމަ، ދެމެހެއްޓެނެވި ގޮތެއްގައި މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެހެންވެ، މަޝްރޫއުތައް ތަކުރާރުކޮށް ހިންގަން ޖެހެނީ އެ އޮންނަ ޑިމާންޑާ އެއް ވަރަށް އަވަހަށް މަސައްކަތްތައް ނިންމަން ޖެހުމުގެ ސަބަބުން ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެ ކަންކަން ކުރިއަށް ގެންދެވޭނީ އެ ވަގުތު ހޯދައިގެން މަޝްރޫއުތުތައް ހިންގިގެން ކަމަށް އޭނާ ވިދާޅުވިއެވެ.