މާލޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި

ކެމިކަލް ގުދަނުގެ އެތެރެ -- ފޮޓޯ/ ޓްވީޓާ

މާލޭގައި އަމިއްލަ ފަރާތަކުން ހިންގާ ގުދަނެއްގައި ކެމިކަލް ރައްކާ ކޮށްފައިވާ ކަމަށް ބުނެ މީހަކު ކަންބޮޑުވުން ފާޅުކުރުމާއެކު އެ ކެމިކަލް ގުދަން ހުސްކޮށްފިއެވެ.

ޓްވީޓާގައި އަހްމަދު ނައީމް ނަމަކަށް ކިޔާ މީހަކު މިދިޔަ އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައިވަނީ ލިލީމަގުގައި ހުރި ގުދަނެއްގައި ކެމިކަލް ރައްކާ ކޮށްފައިހުރި ކަމަށް އެތަނުގެ މުވައްޒަފުން ވެސް ބުނާ ކަމަށް ބުނެފައެވެ.

އޭނާ ވަނީ އެ ގުދަނުގެ ބޭރާއި އެތެރޭގެ ފޮޓޯތަކެއް ވެސް ޓްވީޓް ކޮށްފައެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިންވަނީ އެ މައްސަލަ ބަލައިފައެވެ.

މި މައްސަލައާ ގުޅިގެން "ސަން"އިން މިއަދު ފުލުހުންނާ ސުވާލުކުރުމުން ބުނީ މިހާރު އެ ގުދަން ހުސްކޮށްފައިވާ ކަމަށެވެ. އެ ގުދަން މިހާރު ބަދަލުކޮށްފައިވަނީ ހުޅުމާލެއަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުރި ގުދަންތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ތޮއްޖެހިފައިވާ މާލޭގައި މީގެ ސަަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގަން މަގުފަހިވެފައިވެއެވެ.

އެގޮތުން ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައި ހުރި ކެމިކަލްތަކެއްގަ ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހުނެވެ.

ކެމިކަލް ރައްކާކުރުމަށް ޚާއްސަކޮށް ތިލަފުށީގައި 34 ކެމިކަލް ވެއާހައުސްއެއް ގާއިމު ކޮށްފައިވެއެވެ. އިތުރު 18 ވެއާހައުސެއް ގާއިމް ކުރުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށް މީގެ ކުރިން އާބަންކޯއިން ބުނެފައިވެއެވެ.

comment ކޮމެންޓް