ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ކްލަބް އީގަލްސް ބަލިކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ 20 މިނެޓު ތެރޭގައި މާޒިޔާއިން ވަނީ ދެ ގޯލުޖަހައި އީގަލްސް ހާސް ކޮށްލައިފައެވެ. އެ މެޗުގައި މާޒިޔާއިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 15ވަނަ މިނެޓުގައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީގަލްސްއިން މާޒިޔާއަށް ބަދަލުވި ޒުވާން ފޯވާޑް ހަސަން ރާއިފް (ހަންނަ)އެވެ.
އޭގެ ތިންް މިނެޓު ފަހުން އަނެއްކާ ވެސް މާޒިޔާއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން މާޒިޔާގެ ސާބިއާގެ ފޯވާޑް ސެޓެފެން މިހަޖްލޮވިޗް ޖެހި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އީގަލްސްއަށް މާޒިޔާގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައި ނުވީ ނަމަވެސް އެ ޓީމުން ވަނީ ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.
އެގޮތުން މެޗުގެ 73ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ޓީމުގެ އިބްރާހިމް މަހުދީ ނަގައިދިން ހިލޭ ޖެހުމަކުން އެ ގޯލު ޖަހައިފައިވަނީ އީގަލްސްގެ ޑިފެންޑަރު ސަލިއޭބްއެވެ.
ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑު މެޗަކީ ނިމިދިޔަ ސީޒަންގެ ލީގު ޗެމްޕިއަންއާއި އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން ޓީމު ބައްދަލުކުރާ މެޗެކެވެ. ނަމަވެސް ނިމދިޔަ ސީޒަންގެ ލީގު އަދި އެފްއޭކަޕް ވެސް ކާމިޔާބުކޮށްފައިވަނީ މާޒިޔާ ކަމަށް ވުމުން ލީގުގެ ރަނަރަޕް އީގަލްސްްއަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
އެ މެޗު ކާމިޔާބު ކުރާ ޓީމަށް ލިބޭ ފައިސާގެ އިނާމު ހަދިޔާކުރަން ހަމަޖެހިފައިވަނީ ކޮންމެ ވެސް އެންޖީއޯއަކަށެވެ.
މި ސީޒަންގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް މާޒިޔާއަށް ލިބުނު ފައިސާގެ އިނާމު ހަދިޔާކޮށްފައިވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ. އަދި އީގަލްސްއަށް ލިބުނު ފައިސާގެ އިނާމު ހަދިޔާކޮށްފައިވަނީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރެން (އާކް)އަށެވެ.