ހުން އައުން، ނޭފަތުން އަރިދަފުސް އައުން، ކިނބިހި އެޅުން، ގައިގައި ރިއްސުން، ކާހިތް ނުވުން، އަދި ލޯ ރަތްވެ، ލޯ ހިރުވުން މިއީ ހައްތަހާ ވެސް މީސްލްސް ނުވަތަ ހިމަބިހީގެ އަލާމަތްތަކެވެ.
ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު ވަނީ އެކަމުގެ ލިޔުން ދީފައެވެ.

ރައީސް ޔާމީން ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، އިއްޔެ މި ވަނީ އައްޑޫ ސިޓީން މިބައްޔަށް ކުޑަ ކުއްޖަކު ޕޮޒިޓިވް ވެފައެވެ. މި ބަލި ފެތުރެނީ، "މީސަލްސް ވައިރަސް" ކިޔާ ވައިރަހެއްގެ ސަބަބުންނެވެ. އެއްވެސް ދިރޭ އެއްޗެއްގައި މި ވައިރަސް ހުންނަ ކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އަނެކާއަށް މި ބަލި ފެތުރެނީ ބަލީގެ ސަބަބުން ގައިގައި ނަގާ ބިހިތައް ނެގުމުގެ ފަސް ދުވަސް ކުރިންނާއި ބިހިތައް ފެނުމަށް ފަހު ފަސް ދުވަސް ހަމަވުމާ ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި ބަލި ޖެހިފައިވާ މީހާ ކެއްސުމުންނާއި ވައިގެ ތެރެއަށް އެ ވައިރަސް ފެތުރުމުން މި ބަލި އެހެން މީހުނަށް ޖެހެއެވެ.

ހިމަބިހިން ރައްކާތެރި ކޮށްދޭ ވެކްސިން ޖަހަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ބަލިން ރައްކާތެރި ވުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ކުޑަ ކުދިންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
މި ބައްޔާ ގުޅިގެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، މި ބަލީގައި ޑޮކްޓަރަށް ދެއްކުމުން ދޭނީ ވިޓަމިން އޭގެ ދެ ޑޯޒް ކަމަށެވެ. އަދި މި ބައްޔަށް ވަކިން ހާއްސަ ފަރުވާއެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަލި ޖެހުނީމަ ބައެއް ކުދިންގެ ލޮލަށް ބަލީގެ އަސަރު ކުރާނެ. އެހެން ވީމަ އެކަމަށް ދޭ ބޭހެއް މިއީ،" އޭނާ ވިދާޅުވިއެވެ.
މި ބަލިން ރައްކާތެރި ވުމަށް ކުރެވޭނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޑރ. ފައިސަލް ވެސް ފާހަގަކުރެއްވީ ވެކްސިން ޖެހުމެވެ. އެގޮތުން ކުދިން ކުޑައިރު މި ވެކްސިން ޖެހުމުން މި ބަލިން ދިފާއުވުމަށް ދިފާއީ ނިޒާމު ވަރުގަދަ ވާކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގަ މި ބަލި ނޫޅޭތީ ބައެއް މީހުނަށް ހީވޭ ދެން މި ބަލި ރާއްޖެއަކަށް ނާންނާނެއޭ. އެކަމަކު ރާއްޖެއިން މީހުން ބޭރަށް ދާއިރު ވެސް ހަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ،" ޑރ. ފައިސަލް ވިދާޅުވިއެވެ.
މި ބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވިއަސް، ރާއްޖެ ވަށައިގެންވާ ގިނަ ގައުމުތަކަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމުތަކެއް ނޫނެވެ. އެގޮތުން އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަކީ ހިމަބިހީގެ ކޭސްތައް ފެންނަމުންދާ ގައުމުތަކެވެ. އެހެންކަމުން އެ ގައުމުތަކުން މީހުން ރާއްޖެއަންނަ އިރު މި ގައުމަށް ހިމަބިހި އައުން އެކަށީގެންވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.