ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ޝައުގުވެރިކަން ހުރީ ހަމައެކަނި ނުފޫޒު ފޯރުވަން ކުންފުނިތަކުން މީހުންނަށް ވަޒީފާ ދޭން އެކަނި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ކަމެއް ރަނގަޅު ކުރަން ޖެހުމުން ދައުލަތުން އަމަލު ކުރަމުން ދާ ގޮތް ސާފުކޮށް ފެންނަމުން ދާ ކަމަށެވެ.
އެގޮތުން ބަޔަކަށް ވަޒީފާ ދޭންވީމައި، ސަރުކާރު ހިއްސާވާ ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީއިން ވަޒީފާތައް "އުތުރެމުންދާ" މަންޒަރު ފެންނަ ކަމަށާއި، ނަމަވެސް ރިހެބިލިޓޭޝަންގެ ދާއިރާތަކުގައި ޚިދުމަތްދޭނެ މުވައްޒަފުން ނުވަތަ ފަރުވާދޭނެ ބޭސް ނުހުންނަ ކަމަށެވެ.
އެ ދާއިރާތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން އަދި ކޮންމެ ކަމެއް ނަމަހީވެސް ނެތިގެންދާ ދިއުން އޭގެން މި ފެންނަނީ ކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ނުވަތަ އެކަމަކަށް އަހަމިއްޔަތުކަން ދޭން ބޭނުންވާ މިންވަރު. ގާސިމް އިބްރާހީމް
މިއަދު ފެންނަމުންދަނީ ހަގީގަތުގައި އަހައްމިއްޔަތުކަން ދޭން ޖެހޭ ކަންކަމުގެ ބަދަލުގައި އެހެން ކަންކަމަށް އަހައްމިއްޔަތުކަން ދޭ މަންޒަރު ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ އިން ދެ ޖީލު ހަލާކުވަމުންދާ އިރު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ވީމާ އެކަން ހައްލު ކޮށްދެއްވާނެ ކަމަށް ކޮންމެ ސިޔާސީ ބޭފުޅެއް ވެސް ވިދާޅުވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައަށް އެދެވޭ ނަތީޖާ އެއް ގެނެސްދެވިފައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ހައްޔަރު ނުކޮށް ޑީޕޯޓު ކުރުމުގެ އިޚްތިޔާރު ލިބިދޭ ގޮތަށް މިފަހުން އެކުލަވާލި ގަވާއިދާމެދުވެސް ގާސިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މިތަނަށް ޑްރަގު ހިފައިގެން އަންނަ މީހަކު އައިސް ޓްރާންސިޓްކޮށްގެން މިތަނަށް އައިސް އަނެއް ދޮރާށިން ނުކުމެގެން މިތަނުން ސަލާމަތްވެވޭ ކަމަށް ވަންޏާ ދެން ދުވަހަކުވެސް މި ތަނަށް ޑްރަގު ހިފައިގެން އަންނަ މީހަކު ހައްޔަރެއް ނުކުރެވޭނެ މަތިންދާބޯޓަކުން. އެހެންވީމާ މި ބާވަތުގެ ކޮސް ކަންތައްތައް ކުރީމަ ދުވަހަކުވެސް ރަނގަޅެއް ނުވާނެ. ގާސިމް އިބްރާހީމް
ގާސިމް ވިދާޅުވީ ގާނޫނާ ޚިލާފަށް އެއްވެސް ބަޔަކު ހިންގާ އެއްވެސް އަމަލެއް އޭނާ ބަލައި ނުގަންނާނެ ކަމަށެވެ. އަދި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ނިޒާމް މިހާރަށް ވުރެ ހަރުދަނާކޮށް ހިންގޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.