ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމުމާއެކު އަގުތައް މައްޗަށް

އޯޕެކްގެ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާފަ -- ފޮޓޯ/ ރޮއިޓާސް

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ބައެއް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމުމާއެކު ތެލުގެ އަގު އުފުލިއްޖެއެވެ.

ސައުދީ އަރަބިއާ އާއި އިރާގާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރާނެކަން އިއްޔެ އިއުލާން ކުރި ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 85 ޑޮލަރަށް އަރާފައެވެ. އެއީ ކުރިން ހުރި ވަރަށް ވުރެ ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

އެއާއެކު، ތެޔޮ ކުންފުނިތައް ކަމަށްވާ ބީޕީ އާއި ޝެލްގެ ހިއްސާގެ އަގު ވެސް ވަނީ ހަތަރު ޕަސެންޓް އިތުރުވެފައެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ، ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ 40 ޕަސެންޓް އުފައްދާ ގައުމުތައް ކަމަށްވާ އޯޕެކްގެ ގައުމުތަކުންނެވެ. އޭގެ ތެރެއިން ސައުދީއިން ވަނީ ދުވާލަކަށް އުފައްދާ މިންވަރުން 500،000 ފީފާ މަދުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އިރާގުން ވަނީ 211،000 ފީފާ މަދު ކުރާނެކަން އިއުލާންކޮށްފައެވެ.

ސައުދީން ބުނީ ތެޔޮ އުފައްދާ މިންވަރު މަދު ކުރާނީ އަންނަ މެއި މަހުން ފެށިގެން ކަމަށާއި ތެޔޮ އުފައްދާ މިންވަރު މި އަހަރު ތެރޭގައި ދެން އިތުރު ނުކުރާނެ ކަމަށެވެ.

އެ ގައުމުގެ އިތުރުން، ޔޫއޭއީ އާއި ކުވޭތާއި އަލްޖީރިއާ އާއި އޮމާންއިން ވެސް ވަނީ ތެޔޮ އުފެއްދުން މަދު ކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރު ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެ، ހަނގުރާމަ ފެށުމުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. ނަމަވެސް ދާދި ފަހުން ތެލުގެ އަގުތައް ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި ވަރަށް ވެއްޓިފައެވެ.

comment ކޮމެންޓް