ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ސިޔާސީ މުވައްޒަފުން ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނީޓާކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ގަރާރުގެ ބަހުސް ނިމުމަށް ފަހު ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރަކާއި މަސްއޫލިއްޔަތެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ބޭފުޅުންނަކީ ސިޔާސީ މުވައްޒަފުންނަށް ނުވާ ހިނދު، އެ ބޭފުޅުންގެ ވިސްނުމާއި ކުންފުނިތަކުގެ މިސްރާބު ކޮންމެހެން ސަރުކާރުގެ ސިޔާސަތު ތަކާ އެއްގޮތް ވުން ލާޒިމް ނޫން ކަމަށެވެ.
އެ ބޭފުޅުންގެ ވިސްނުންވެސް އަދި ކުންފުނިތަކުގެ މިސްރާބުވެސް އެއީ ސަރުކާރުގެ ސިޔާސީ ވެރިންގެ ޒާތުފުޅާ ނުވަތަ އެ ބޭފުޅުންގެ ތަބީއަތާ އެދިވަޑައިގަންނަވާ ގޮތްތަކާ ހިތްޕުޅާ ގުޅިފައި ހުންނަން ޖެހޭ ކަންކަމެއް ނޫންކަން އަޅުގަނޑަށް ޔަގީން ކަށަވަރު. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރާ ކަމަށާއި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވުރެ އިތުރަށް އެކުންފުނިތަކުގެ ޕޭ ރޯލް ގައި ފައިސާ ހުންނަން ޖެހޭ ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ދަރަނި ހަމަޖެއްސުމަށާއި ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރާ މިންވަރު އިންތިހާއަށް އިތުރުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ތައުލީމީ އަދި ސިއްޚީ ދާއިރާއަށް ހަރަދު ކުރާ މިންވަރަށް ވުރެ ބައެއް ފަހަރު އެ އަދަދު އިތުރު ވެގެން ދާ ކަމަށެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، ދާދިފަހުން ސަރުކާރު ހިއްސާވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އަމްރު މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވައިފައެވެ.
އަމްރު މަގާމުން ވަކިކޮށްފައިވަނީ ސީދާ ރައީސް އަންގަވައިގެން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިންނެވެ.