ލެޖެންޑްސްއިން ތިން ސެޓުން ފީނިކްސް ބަލިކޮށްފި

ލެޖެންޑްސްއިއި ފޮއެނިކްސް ބައްދަލުކުރި މެޗުގެ ތެރެއިން ---

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ލެޖެންޑްސްއިން ސީދާ ތިން ސެޓުން ފީނިކްސް ބަލިކޮށްފިއެވެ.

ރޭ ވެލިދޫ ވޮލީ ކޯޓުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު ލެޖެންޑްސްއިން ކާމިޔާބުކުރީ 25-23ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓު 25-16ގެ ނަތީޖާއަކުން އެ ޓީމުން ކާމިޔާބުކުރިއިރު މެޗުގެ ތިން ވަނަ ސެޓު ލެޖެންޑްސްއިން ކާމިޔާބުކުރީ ފަސޭހަކާމާއެކު 25-12ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރިން ލެޖެންޑްސްއިން ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އީގަލްސްއާ ވާދަކޮށް އެ ޓީމު ވަނީ ތިން ސެޓުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ލެޖެންޑްސް ވާދަކޮށްފައިވަނީ ޓައިޓަންސްއާއެވެ. އެ މެޗު ތިން ސެޓުން ކާމިޔާބުކުރީ ލެޖެންޑްސްއިންނެވެ.

މީގެ އިތުރުން ފީނިކްސްއިން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ތަންޑާއާ ބައްދަލުކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ޓީމުގެ ދެވަނަ މެޗުގައި އީގަލްސް އަތުން ވަނީ 3-1 ސެޓުން ބަލިވެފައެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް