ތަންޑާ ބަލިކޮށް ޓައިޓަންސްއިން ފުރަތަމަ މޮޅު ހޯދައިފި

ތަންޑާއާއި ޓައިޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނޫނު ފޮޓޯ

ވެލިދޫ ރަމަޟާން ވޮލީ ލީގުގެ ފިރިހެން ޑިވިޝަންގައި ތަންޑާ ބަލިކޮށް ޓައިޓަންސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭ ވެލިދޫ ވޮލީ ކޯޓުގައި ކުޅުނު އެ މެޗު ޓައިޓަންސް އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ ޓައިޓަންސްއެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-14ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓު ވެސް ގެންގޮސްފައިވަނީ ޓައިޓަންސްއިންނެވެ. އެ ޓީމުން އެ ސެޓު ކާމިޔާބުކޮށްފައިވަނީ 25-23ގެ ނަތީޖާއަކުންންވެ.

އެހެންނަމަވެސް ތަންޑާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ތިންވަނަ ސެޓު ގެންގޮސްފައެވެ. އެ ސެޓު އެ ޓީމުން ގެންގޮސްފައިވަނީ 25-22 ގެ ނަތީޖާއަކުންނެވެ.

ޖެހިގެން އައި ހަތަރުވަނަ ސެޓު ޓައިޓަންސް އިން ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 26-24ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރިން ޓައިޓަންސް ވަނީ ލެޖެންޑްސްއާ ވާދަކޮށްފައެވެ. އެ މެޗު ތިން ސެޓުން ކާމިޔާބުކުރީ ލެޖެންޑްސްއިންނެވެ. އަދި ތަންޑާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފޮއެނިކްސް އަތުން ވަނީ 3-1 ސެޓުން ބަލިވެފައެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް