''ބްރައްމަސްތުރާ''ގެ ކުރިއަށް ހުރި ބައިތަކުގެ ފެންވަރު މާ ރަނގަޅުވާނެ: އަޔާން މުކަރްޖީ

"ބްރައްމަސްތުރާ"ގެ ކުރިޔަށް ހުރި ބައިތައް ކުރިޔަށްވުރެ ފެންވަރު ރަގަޅުވާނެ: އަޔާން މުކަރްޖީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދަރްމާ ކުންފުންޏާ ގުޅިގެން ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީ އުފެއްދި ފިލްމު "ބްރައްމަސްތުރާ: ޕާޓް ވަން-ޝިވާ"އަށްވުރެ މިފިލްމުގެ ކުރިއަށްހުރި ބައިތައް ނެރޭއިރު މާފެންވަރު ރަނގަޅުވެފަ ކޮލިޓީވާނެކަމަށް އަޔާން ބުނެފިއެވެ.

މިފިލްމުގެ ދެވަނަ އަދި ތިންވަނަ ބައެއް އުފައްދަން އަޔާން މުކަރްޖީ ނިންމާފައިވާއިރު މި ދެބައިގެ ވާހަކަ ލިޔާނީ ފުރަތަމަ ބައިން ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާކޮށްކަމަށް އޭނާވަނީ ބުނެފައެވެ. އަދި މި ދެބައިވެސް އުފައްދަން ގަސްތުކޮށްފައިވަނީ އެކުއެކީގައިކަމަށް އަޔާންވަނީ ބުނެފައެވެ. ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަދި އެކްޓަރު އަމީތާބް ބައްޗަން މުހިއްމު ރޯލްތައް ކުޅުނު މިފިލްމަކީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ފެންޓަސީ އެކްޝަން އެޑްވެންޗާ ފިލްމުގެ ފުރަތަމަ ބައިން ތަމަޅަ އެކްޓަރު ނާގަރްޖުނާވެސްވަނީ ފެނިފައެވެ.

"ބްރައްމަސްތުރާ"ގެ ދެވަނަ އަދި ތިންވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާއިރު މިފިލްމުގެ މުހިއްމު ރޯލްތަކުން ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބް ބައްޗަން ފެންނާނެކަމަށް މީގެކުރިން ޑައިރެކްޓަރުވަނީ ބުނެފައެވެ. އަދި ފިލްމުގެ ހާއްސަ ބަޔަކުން ބަތަލާ ދިޕިކާ ޕަދުކޯން، ރަންބީރުގެ މަންމަގެ ގޮތުގައި ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީޑިއާއަށް މައުލޫމާތު ދެމުން އަޔާންބުނީ، ފިލްމުގެ ވާހަކަ ލިޔުމަށް އަދި ވަގުތު ނަގާނެކަމަށާއި ބެލުންތެރިން ފިލްމުގެ އިންތިޒާރުގައި ތިބިނަމަވެސް ފެންވަރު ރަނގަޅު ވާހަކައެއް ގެނެސްދޭން ބޭނުންވާކަމަށެވެ.

އެހެންކަމުން ފިލްމަށް އިންތިޒާރުކުރާ ފަރާތްތަކުން ތަންކޮޅެއް ދިގު އިންތިޒާރެއްކުރަން ޖެހޭކަމަށްބުނަމުން 39 އަހަރުގެ ޑައިރެކްޓަރު ބުނީ، މިފިލްމު ސިނަމާއަށް ގެނެސްދެވޭވަރުވާނީ މިހާރުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށްފަހުކަމަށެވެ.

comment ކޮމެންޓް