ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދެނީ

ދެގައުމުގެ ދެމެދުގައި ބަދަލުކުރި އެއްބަސްވުންތަކުގައި ސޮއި ކުރުން -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތަޢުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަ ކުރަމުންދާ ދިވެހި ދަރިވަރުންނަށް ކޯހުގެ މުއްދަތު ފުރިހަމަ ވަންދެން ދިގު މުއްދަތުގެ ވިސާ ހަމަޖައްސައި ދޭން ބަންގަލަދޭޝްގެ ސަރުކާރުން ނިންމަވައިފިއެވެ.

މި ކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އޭނާގެ ޓުވީޓުގައި ވަނީ ދިގު މުއްދަތަށް ރާއްޖޭގެ ދަތިވަރުންނަށް ވިސާ ދޭން ނިންމުމުން އެ ގައުމުގެ ސަރުކާރަށާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންއަށް ޝުކުރު އަދާކުރައްވާފައެވެ.

https://twitter.com/abdulla_shahid/status/1641736468405293056?s=20

މި ނިންމުމުގެ ސަބަބުން ބަންގްލަދޭޝްގައި ތަޢުލީމު ޙާސިލު ކުރަމުންދާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ތެރެއިން، އެ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށާއި ތަޢުލީމު ޙާސިލުކުރުމަށްފަހު ތަޖުރިބާ ޙާސިލުކުރުމަށް އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އެ ދަރިވަރުންގެ ކޯހުގެ މުއްދަތު ހަމަވަންދެން އެ ޤައުމުގައި ތިބުމަށް ދިގު މުއްދަތުގެ ވިސާ ލިބިގެންދާނެއެވެ.

މީގެ ކުރިން ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވިސާ އާ ކުރަން ޖެހެއެވެ. އަދި، ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. އެކަމަކު، ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާ އެކު ވިސާ ހޯދުމުގައި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި ކޯހުގެ މުއްދަތަށް ވިސާ ލިބިގެންދާނެއެވެ.

ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާ އެކު، މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރަށާއި އެ ގައުމުގެ ޚާރިޖީ ވަޒީރު، އޭކޭ ޢަބްދުލް މުއުމިންއަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ވަނީ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިިވަރުންގެ ވިސާ ދިގު މުއްދަތަކަށް ދިނުމާ ބެހޭ ގޮތުން މީގެ ކުރިން މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު އެ ގައުމުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ވެސް ވަނީ ނިންމައިފައެވެ.

ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅެއެވެ.

comment ކޮމެންޓް