ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް "އިބޫ 23" ޖަހާފައިވާ ޖާޒީއެއް މަހުޖަނު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) މިއަދު ހަދިޔާ ކުރައްވައިފިއެވެ.
ރައީސް ޞާލިޙާއި އުއްޗު މިއަދު ބައްދަލުކުރެއްވީ ރައީސްގެ ދެކަނބަލުންނަށް އޭނާގެ ރަށެއް ކަމަށްވާ ޗަމްޕާގިރީގައި މިއަދު ބޭއްވި ހާއްސަ ރޯދަވީއްލުމެއްގައެވެ. ޗަމްޕާގިރި އަކީ ކ. ތުނބަފުށީގައި އުއްޗު އަމިއްލަފުޅަށް ހިއްކައިގެން ބިނާ ކޮށްފައިވާ ރަށެކެވެ. އެ ރަށުގައި އޮތް ރޯދަވީއްލުމުގައި އުއްޗުގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން "އިބޫ 23" ޖަހާފައިވާ ޖާޒީއެއް ރައީސަށް ހަދިޔާ ކުރައްވާފައިވާއިރު، އެއީ އެ މަނިކުފާނު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގެންގުޅުއްވާ ކެމްޕޭން ސްލޯގަން އެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޗަމްޕާ މުހައްމަދު މޫސާ މިއަދު ބައްދަލުކުރައްވަނީ--
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިޚާބުގައި އުއްޗުގެ ތާއީދު ރައީސަށް އޮތްހެން ހީވާ ފަދަ މޭރުމަކުން ކަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މަހުޖަނު ވިޔަފާރިވެރިޔާ ގާސިމް އިބްރާޙިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖޭޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވިތާ 24 ގަޑިއިރު ތެރޭގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގެ ކުރިން ވެސް ރައީސް ޞާލިޙާއި އެ މަނިކުފާނުގެ މަންދޫބުން ވަނީ އުއްޗުއާ ބައްދަލުކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ ރައީސް ޞާލިޙާއި، ގާސިމް އިބްރާހިމާއި، މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމްގެ އިތުރުން، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
ރައީސާ އެކު އިންތިޚާބަށް ނުކުންނަން ދައުވަތު ފޮނުއްވާފައިވަނިކޮށް ގާސިމް ނިންމެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން އިންތިޚާބުގައި ވަކިން ވާދަކުރާށެވެ.