މޯލްޑިވިއަންގެ ތިން ވަަނަ އޭޓީއާރް ބޯޓު މި ހަފުތާ ތެރޭ ރާއްޖެ ގެންނަނީ

މޯލްޑިވިއަނުން ގެންނަ އާ ބޯޓު -- ފޮޓޯ/ ފްރެންޗް ފްރޮގްސް ޕިކްސް

މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް އެ ކުންފުނިން ޖެނުއަރީ މަހު ގަތް ތިން ބޯޓުގެ ތެރެއިން ތިން ވަނަ ބޯޓު މި ފެށޭ ހަފުތާތެރޭ ރާއްޖެ ގެންނާނެ ކަމަށް، އައިލޭންޑް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.

މޯލްޑިވިއަނުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓަކަށާއި އޭޓީއާރް 600-42 މަރުކާގެ އެއް ބޯޓު ގަނެފައެވެ.

މީގެ ތެރެއިން އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ރާއްޖެ ގެނެސްފައެވެ. މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭޓީއާރް 600-42 މަރުކާގެ ބޯޓެވެ.

ތިން ބޯޓު ގަތުމަށް 925 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ފައިސާ ދައްކަން ހަމަޖެހިފައިވަނީ ލޯނެއްގެ އެހީގައެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އަލަށް ގެންނަ ބޯޓު މިއަދު ރާއްޖެ އައުމަށް ދަތުރު ފަށައިފައިވާ ކަމަށެވެ.

މި ބޯޓުތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ބައެއް ހާލަތްތަކުގައި ކުރިމަތިވާ ޓެކްނިކަލް މައްސަލަަތައް މަދުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ ވަރަށް ބޮޑަށް ފެންވަރު ރަނގަޅު ޚިދުމަތެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިހާރުގެ ބާ ބޯޓުތަައް ގޮތަށް ބައެއް ފަހަރު އެ ޖެހޭ މައްސަަލަތައް ވެސް ހައްލުވާނެ. ދެން ހަމަ ބޯޓުތައް ގިނަވެ އުދުހުންތައް ކުރިއަށް ގެންދަން ފަސޭހަ ވެގެންދާނެ ވަރަށް ބޮޑަށް،" ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިިވިއަންގައި މިހާރު ބޭނުންކުރަނީ ޑޭޝް-8 މަރުކާގެ ބޯޓެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޑޭޝް-8 މަރުކާގެ ބޯޓު ފްލީޓު ބޭނުންކުރުން ހުއްޓައިލުމުގެ ގޮތުން އޭޓީއާރް މަތިންދާ ބޯޓު ފްލީޓެއް ގާއިމްކުރުމަށެވެ.

އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު އަމާޒު ހިފައިފައިވަނީ މި އަހަރު ނިމުމުގެ ކުރިން އިތުރުން ތިން އޭޓީއާރް ބޯޓު ގަތުމަށެވެ. އަދި އޭޓީއާރް ފްލީޓުގައި ހިމެނޭ ބޯޓުގެ އަދަދު ހަޔަކަށް އިތުރުކުރުމަށެވެ.

comment ކޮމެންޓް