ރާއްޖޭގައި ކޮންމެ 100 އަންހެނަކަށް 104 ފިރިހެނުން އެބަތިބި

ރާއްޖޭގައި ދިރިއުޅޭ ކޮންމެ 100 އަންހެނަކަށް 104 ފިރިހެނުން އެބަތިބި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގައި ދިރިއުޅޭ ކޮންމެ 100 އަންހެނަކަށް 104 ފިރިހެނުން އެބަތިބި ކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ކޮންމެ 100 އަންހެނަކަށް 104 ފިރިހެނުން ތިބިއިރު، ބޯހިމެނުމުގެ ވަގުތީ ނަޖީތާ ދައްކާގޮތުން މާލެ ސިޓީގެ އިތުރުން އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ފިރިހެނުންގެ އާބާދީ މަދެވެ. އެއީ ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި އުޅޭ ފިރިހެނުން ގިނަވުމުން ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފާހަގަކޮށްފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 އެވެ. އޭގެތެރެއިން ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ.

ޖުމްލަ އާބާދީގެ 41 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. އަދި 46 އިންސައްތަ މީހުން ދިރިއުޅެނީ އަތޮޅު ތެރޭގައެވެ. ދިހަ އިންސައްތަ މީހުން ރިސޯޓުތަކުގައި ދިރިއުޅޭއިރު ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ތިން މީހުން ދިރިއުޅެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަދަދަކީ 212،138 އެވެ. އަތޮޅުތެރޭގައި 236،747 މީހުން ދިރިއުޅެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ސ. ހިތަދުއާއި ހދ. ކުޅުދުއްފުށީގައެވެ. ހިތަދޫގައި 13،745 މީހުން އުޅޭއިރު ކުޅުދުއްފުށީގައި ދިރިއުޅެނީ 10،251 މީހުންނެވެ.

އެންމެ އާބާދީ ކުޑަ ރަށުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ވ. ރަކީދުއެވެ. އެރަށުގައި ދިރިއުޅެނީ ޖުމްލަ 77 މީހުންނެވެ. އެއަށްފަހު ދެން އެންމެ މަދުން މީހުން ދިރިއުޅޭ ރަށަކީ އދ. ދިއްދުއެވެ. އެރަށުގެ ދިރިއުޅޭ މީހުންގެ އަދަދަކީ 140 އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި 2014 ވަނަ އަހަރަށް ފަހު ރާއްޖޭގެ އާބާދީ އިތުރުވަމުން އައިސްފައިވަނީ އަހަރަކު 1.5 އިންސައްތައިގެ ރޭޓުންނެވެ.

comment ކޮމެންޓް