ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ދިރިއުޅޭ ކަމަށް ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 އެވެ. އޭގެތެރެއިން ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ.
ޖުމްލަ އާބާދީގެ 41 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. އަދި 46 އިންސައްތަ މީހުން ދިރިއުޅެނީ އަތޮޅު ތެރޭގައެވެ. ދިހަ އިންސައްތަ މީހުން ރިސޯޓުތަކުގައި ދިރިއުޅޭއިރު ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ތިން މީހުން ދިރިއުޅެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަދަދަކީ 212،138 އެވެ. އަތޮޅުތެރޭގައި 236،747 މީހުން ދިރިއުޅެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތައް
ޖުމްލަ އާބާދީގެ 26 އިންސައްތަ ބިދޭސީން ހިއްސާކުރާއިރު، ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި ދިރިއުޅެއެވެ. އެންމެފަހުގެ ބޯހިމެނުމާ ބަލާއިރު މި ފަރަގު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން އެންމެ ފަހުން ބޯހިމެނިއިރު ރާއްޖޭގައި ދިރިއުޅުނީ 63،637 ބިދޭސީން ކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ބިދޭސީންގެ އާބާދީގެ ތެރެއިން 39 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި 25 އިންސައްތަ މީހުން ދިރިއުޅޭއިރު، 28 އިންސައްތަ ދިރިއުޅެނީ ރިސޯޓުތަކުގައެވެ. އަދި ބާކީ ނުވަ އިންސައްތަ ދިރިއުޅެނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތައް
މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އަދިވެސް އޮތީ އައްޑޫސިޓީގައެވެ. ދިވެހިންގެ އާބާދީގެ ނިސްބަތުން ފަސް އިންސައްތަ މީހުން ދިރިއުޅެނީ އައްޑޫގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި 2014 ވަނަ އަހަރަށް ފަހު ރާއްޖޭގެ އާބާދީ އިތުރުވަމުން އައިސްފައިވަނީ އަހަރަކު 1.5 އިންސައްތައިގެ ރޭޓުންނެވެ.