ގާސިމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވައި އާޒިމް ރައީސްގެ ފަހަތަށް

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އާދަމް އާޒިމް (ކ-2) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވައި އާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާ އޭނާ ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

އާޒިމް ވިދާޅުވީ، އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް އިންތިޚާބު ކުރުމަށް ތާއީދު ކުރައްވާތީ ކަމަށެވެ. އަދި، ދެވަނަ ދައުރަކަށް ރައީސް ޞާލިޙް އިންތިޚާބު ކުރުމަކީ މި ވަގުތު ދިވެހިރާއްޖެއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށާއި، ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިއަކީ ވެސް އެމަނިކުފާނު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އާޒިމްގެ ސިޓީގައި ލިޔުއްވާފައިވެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީގެ ފަރާތުން ވާދަކުރައްވަން ގާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ. ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ގޮތެއްގައި ގާސިމަށް ތާއީދު ކުރައްވައިފައެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން މިހާރު ގެންދަވަނީ ޖޭޕީއާ ގުޅިގެން ކޯލިޝަން އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް